08 Aug 2014, 20:32
އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ވައިރަހެއް ކަމަށްވާ އެބޯލާ ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ކުރަން ޖެހޭ ކަންތައްތަކަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް ހެލްތު ރެގިއުލޭޝަންސް (އައިއެޗްއާރް) ގެ ރާއްޖޭގެ ފޯކަލް ޕޮއިންޓް އަދި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރް ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. ޝީޒާ އަލީ ވިދާޅުވީ، އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެބަލި އުޅޭ ގައުމަކުން މީހަކު ރާއްޖެ އެތެރެވޭތޯ ބަނދަރުތައް ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... އަޅުގަނޑުމެން މިގެންދަނީ ހުރިހާ ޕޯޓްތައް، އެއީ އެއާޕޯޓްތައް ވެސް އަދި ސީޕޯޓްތައް ވެސް ބަލަމުން ބަލިޖެހިފައި ހުރި ގައުމުތަކަށް ދަތުރުކޮށްފައި ހުރި މީހަކު ރާއްޖެ އެތެރެވޭތޯ. އެ މޮނިޓާ ކުރަމުން މި ގެންދަނީ. މީގެ އިތުރުން ހުރިހާ ހޮސްޕިޓަލެއްގައި އިންފެކްޝަން ކޮންޓްރޯލް ކޮމިޓީތައް ހަދާފައި ހުންނާނީ. އެ ކޮމިޓީތަކަށް މި ބައްޔާ ބެހޭ ގޮތުން މައުލޫމާތު ދީ، މި ބައްޔަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ފޯރުކޮށްދެމުން މިދަނީ،" ޑރ. ޝީޒާ ވިދާޅުވި އެވެ.
އެބޯލާ ވައިރަހުން ޖެހޭ ބަލި ޖެހިފައިވާ މީހަކު ރާއްޖެ އަތުވެއްޖެ ނަމަ އެމީހަކު އެކަހެރި ކުރުމަށް ތައްޔާރުވެފައި ވޭތޯ ސަން އިން ދެންނެވުމުން އޭނާ ވިދާޅުވީ އެކަމަށް ވެސް ތައްޔާރުވެފައިވާ ކަމަށެވެ.
"... ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަކުން މި ބަލިޖެހިފައިވާ މީހުން ކަރަންޓީން ކުރާކަށް އިލްތިމާސެއް ނުކުރޭ އިނގޭތޯ. އެބޭފުޅުން ލަފާ ދެއްވަނީ (އައިސޮލޭޓްކުރަން) އެކަހެރިކުރަން. އެއީ އަދި ތަފާތުކަމެއް ކަރަންޓީން ކުރުމާ. ރާއްޖޭގެ ސެޓަޕްގައި، އަދި އެއީ ކޮންމެ ހޮސްޕިޓަލަކަށް ވިޔަސް، ބަލި ޖެހިފައި ހުރި މީހަކު އައިސްފިއްޔާ އެމީހަކު އެކަހެރި ކޮށްގެން ފަރުވާ ކުރެވޭނެ ގޮތް ހަމަޖެހިފައި ހުރީ، " އޭނާ ވިދާޅުވި އެވެ.
އެބޯލާ ވައިރަސް ރާއްޖެ އައުމުގެ ނުރައްކާ އޮތީ ކިހާވަރަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން ޝީޒާ ވިދާޅުވީ އެނުރައްކާ އަދި ކުޑަ ކަމަށެވެ.
" ... އަޅުގަނޑުމެންނަށް މިނިމަލް ކަމަށް ބަލަން ޖެހޭނީ އަދި. އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް މިގައުމުތަކުން ދަތުރުކުރާ އެހާ ގިނަ ދަތުރުވެރިންނެއް ނެތް. އަޅުގަނޑުމެންގެ ދަތުރުވެރިން، މިގައުމުތަކަށް ގޮސް އައިސް ހަދާ މީހުންނެއް ނެތް. އަނެއްކާ މި ގައުމުތަކުން ރާއްޖެ އަންނަ މީހުން ވެސް ނިސްބަތުން ހަމަ ވަރަށް މަދު،" އޭނާ ވިދާޅުވިއެވެ.
ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތައް ކަމަށްވާ ސިއެރަލިއޯން އާއި ގިނީއާއި ލައިބީރިއާއިން މީން ދުވަހަކު މީހަކު ރާއްޖެ އައިސްފައި ނުވާ ކަމަށް ވެސް ޑރ.ޝީޒާ ވިދާޅުވި އެވެ. ނަމަވެސް ބަލި ކޮންމެވެސް ވަރަކަށް ފެތުރިފައިވާ ގައުމެއް ކަމަށްވާ ނައިޖީރިއާއިން ދެމީހަކު ރާއްޖެ އައިސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ނައިޖީރިއާއިން ރާއްޖެ އައި ދެމީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޯގަސްޓް 6 ވަނަ ދުވަހާ ހަމައަށް ހުޅަނގު އެފްރިކާގެ ޤައުމުތަކުން މިބަލި ޖެހިފައިވާ 1711 މީހުން ފެނިފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 932 މީހުން ވަނީ މަރުވެފައެވެ. މިއީ 1976ގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން އެބޯލާ ބަލި ފެނުނު ފަހަރެވެ.