08 Aug 2014, 19:57
ޣައްޒާއަކީ ޢިއްޒަތުގެ ރަމްޒެވެ. ޝަރަފުގެ މައިދާނެވެ. މިހެން މިދަންނަވަނީ ސަބަބުތަކެއް ހުރެގެންނެވެ. ޝަރަފާއި ޢިއްޒަތަކީ ދީނާއި ބިމުގެ ޙައްޤުގައި ޖިހާދުކުރުމުގައި އޮންނަ ކަމެކެވެ. އެއީ އަނިޔާވެރިންގެ ކުރިމަތީގައި އިޚުލާޞްތެރިކަމާއެކު ތެދުވެ، ތެދު ބަސްބުނުމުގައި އޮންނަ ކަމެކެވެ. މަބްދައުތަކާއި އުޞޫލުތަކުގައި ހިފެހެއްޓުމުގައި އޮންނަ ކަމެކެވެ. މިލިޔުމުގައި އަޅުގަނޑު މިބަލައިލަނީ ޣައްޒާގެ ތާރީޚާއި އިސްރާއީލުގެ އަނިޔާވެރިކަމާއި ޖައްބާރުކަމުގެ ކުރިމަތީގައި ޣައްޒާއިން ދެއްކި ހިތްވަރާއި ތެދުވެރި ޖިހާދުގެ މައްޗަށެވެ.
ޣައްޒާގެ މުޖުތަމަޢުގެ ޚާއްޞަ ޞިފަތައް:
ޣައްޒާގެ މުޖުތަމަޢަކީ ޅަ މުޖުތަމަޢެއްކަމުގައި ދެންނެވިދާނެއެވެ. އެހެނީ ޣައްޒާގެ އާބާދީގެ 50%އަކީ ތުއްތުކުދީންނެވެ. ޣައްޒާގެ ކޮންމެ އަންހެނަކު ޢާންމުކޮށް އޭނާގެ ޢުމުރުގައި 6 ކުދިން ވިހާކަމަށް ރެކޯޑު ކުރެވިފައިވެއެވެ. ޣައްޒާގެ އަންހެނުންގެ އާބާދީގެ ތެރެއިން ކޮންމެ 3 އަންހެނަކުން އެކަކީ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ހުވަފެތްވެފައި އިން މީހެކެވެ. ނުވަތަ ފިރިމީހާ ޞިހުޔޫނީ ޖަލަކަށް ގެންދެވި އެކަނިވެރިވެ، އެކަހެރިވެފައިވާ މީހެކެވެ.
ޣައްޒާގެ ރައްޔިތުންގެ 70% އަކީ ފަލަޞްޠީނުގެ އެކި ބިންތަކުން ނެރެލެވުމުން ޣައްޒާއަށް ހިޖުރަކޮށްފައިވާ ރެފިއުޖީންނެވެ. އެހެންކަމުން ޣައްޒާއަކީ ރެފިއުޖީ ކޭމްޕެކެވެ. ދުނިޔޭގެ ސަޠަޙައިގައިވާ އެންމެ ބައިބޯ ތޮއްޖެހުން ބޮޑު އެއް ބިމަކީ ޣައްޒާގެ ބިމެވެ. 2010 ވަނަ އަހަރު ޣައްޒާގައި 1.6 މިލިއަން މީހުން ދިރިއުޅެމުން އައެވެ. އޭގެ ތެރެއިން މިލިއަނެއްހާ މީހުންނަކީ ރަޖިސްޓުރީ ކުރެވިފައިނުވާ ރެފިއުޖީންނެވެ. އަދި ޣައްޒާގެ އާބާދީ ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން ބޮޑުވަމުންނެވެ. ޞިހުޔޫނީ ދައުލަތުން ހިންގާ އާބާދުކުރުމުގެ ޣައިރު ޤާނޫނީ މަޝްރޫޢުތަކުގައި ގެތަކުންނާއި ބިންތަކުން ނެރެލެވޭ ފަލަޞްޠީނު ރައްޔިތުން ގިނަފަހަރަށް ހިޖުރަކުރަނީ ޣައްޒާއަށެވެ. އޭގެ އިތުރަށް ވިހެއުމުގެ ނިސްބަތްވެސް ޣައްޒާގައި އުޅެނީ މަތިކޮށެވެ.
ޣައްޒާވަނީ ޙިޞާރުކުރެވިފައި:
ޣައްޒާވަނީ ޙިޞާރުކުރެވިފައެވެ. ޢަރަބިންނާއި އިސްރާއީލްގެ އަނިޔާވެރި ޙިޞާރުގެ ދަށުގައި ޣައްޒާ އޮންނަތާ އަހަރުތަކެއް ފާއިތުވެގެން ހިގައްޖެއެވެ. ޣައްޒާއަށް ވަދެވޭ ހުރިހާ މަގުތަކެއްވަނީ ބަންދުވެފައެވެ. ޣައްޒާގެ އާބާދީގެ 80% ކެއުމާއި ބުއިމުގައި ބަރޯސާވަމުން އަންނަނީ ބޭރުން ލިބޭ އެހީތަކާއި މަދަދުގެ މައްޗަށެވެ. ރަފަޙު ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ހުއްދަ ލިބެނީ މަދު ފަހަރަކުއެވެ. އިސްރާއީލްގެ އަތްދަށުގައިވާ ބޯޑަރުތަކުން ޣައްޒާގެ އެތެރެއަށް އެއްޗެއް ވެއްދުމަކީ ކުރެވޭކަމެއްނޫނެވެ. އެހެންކަމުން ޣައްޒާއަށް ކާނާއާއި އެނޫންވެސް ބައެއް ތަކެތި އެތެރެކުރުމަށް ރަފަޙު ބޯޑަރު ދަށުން ހަދާފައިވާ ޓަނަލްތަކެއް ޙަމާސްއިން ބޭނުންކުރަމުން ގެންދިޔައެވެ. ނަމަވެސް މިޞްރުގެ އާ ސަރުކާރުންވަނީ އެޓަނަލްތައް ނައްތާލާފައެވެ. އެހެންކަމުން ރަފަޙު ބޯޑަރު މެދުވެރިކޮށް މިޞްރު ސަރުކާރުގެ ހުއްދައާއެކު، ޣައްޒާއަށް އެތެރެކުރެވުނު އެއްޗެއް މެނުވީ ޣައްޒާއަށް މިހާރަކު އެތެރެއެއް ނުކުރެވޭނެއެވެ. ކުރުކޮށް ދަންނަވާނަމަ، ޣައްޒާއަކީ ހިޔާ ނުކޮށް އޮތް ބޮޑު ޖަލެކެވެ.
ޣައްޒާއާއި ޙަމާސް:
ޙަމާސް ނުވަތަ ޙަރަކަތުލް މުޤާވަމަލް އިސްލާމިއްޔާއަކީ ފަލަޞްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އިސްލާމީ ފިކުރުގެ ޖަމާޢަތެކެވެ. މިޖަމާޢަތަކީ އިޚުވާނުލް މުސްލިމީންގެ (މުސްލިމް ބުރަދަރހުޑް)ގެ ސިޔާސީ ފިކުރުގެ މަތީގައި އުފެދިގެންއައި ޖަމާޢަތެކެވެ. މިޖަމާޢަތަކީ ސިޔާސީ ގޮތްޕަކާއި ޢަސްކަރީ ގޮތްޕެއް އޮންނަ ބޮޑު ވަރުގަދަ ޖަމާޢަތެކެވެ. މިޙަރަކާތް ވުޖޫދަށް އައީ ޣައްޒާގައެވެ. އެހެންނަމަވެސް މުޅި ފަލަސްޠީނުގައި ފެތުރިފައިވެއެވެ. ޣައްޒާގައި އޮތް އެންމެ ބޮޑު ޢަސްކަރީ ޖަމާޢަތަކީ ޙަމާސްގެ ޢަސްކަރީ ގޮފި ކަމުގައިވާ ޤައްސާމް ބުރިގޭޑްސް ނުވަތަ ކަތާއިބުލް ޤައްސާމެވެ. ދުނިޔޭގެ އެހެންވެސް ތަންތަނުގައި އަމިއްލަ ވަޒަނުގެ ދިފާޢުގައި، މާތްވެގެން ވާ އިސްލާމް ދީނުގެ ޙައްޤުގައި މަސައްކަތްކުރާ މީހުންނަކީ ހަރުކަށި ޓެރަރިސްޓުންކަމުގައި ހުޅަނގުން ކަނޑައަޅާ ބީދައިން މިޖަމާޢަތަކީވެސް ނިރުބަވެރި (ޓެރަރިސްޓް) ޖަމާޢަތެއްކަމުގައި އެމެރިކާއިންވަނީ ކަނޑައަޅާފައެވެ.
ޙަމާސްގެ މައިގަނޑު އެއް ފިކުރަކީ އިސްރާއީލް ނަމަކަށް ކިޔާ ދައުލަތެއް ވުޖޫދުގައި އޮތުން ބަލައިނުގަތުމެވެ. އިސްރާއީލްއަކީ ވުޖޫދުގައި އޮންނަންޖެހޭ ދައުލަތެއްކަމުގައި ޙަމާސް އިން ޤަބޫލެއްނުކުރެއެވެ. ސަބަބަކީ ފަލަސްޠީނުގެ ބިމަކީ ޢަރަބިންގެ ބިމަކަށްވުމެވެ. އެތައް ހާސް އަހަރުގެ ދިގު ތާރީޚެއް އެބިމުގައި ޢަރަބިންވަނީ ހޭދަކޮށްފައެވެ. މިއަދު އެބިންތަކުން ޢަރަބިންނާއި މުސްލިމުން ނެރެ އެއީ ތިމާމެންނަށް ކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ބިމޭ ބުނުމުން އެކަން ޤަބޫލުކުރަން ޖެހޭނެ ގޮތެއް ނެތެވެ. މަންޠިޤީ އެއްވެސް އުޞޫލަކުން އެވާހަކަ ބަލައިގަންނާކަށް ނުޖެހެއެވެ.
ޙަމާސާއި އިސްރާއީލްގެ މެދުގައި އޮންނަ ގުޅުމުގެ އަސާސަކީ މުޤާވަމާއެވެ. ނުވަތަ ބިމާއި ވަޠަނުގެ ޙައްޤުގައި ޖިހާދުކުރުމެވެ. އެހެންކަމުން 2 ދައުލަތުގެ ޙައްލަކީ ޙަމާސުން ޤަބޫލުކުރާ ޙައްލެއްނޫނެވެ. ޙަމާސުން ޤަބޫލުކުރާ ގޮތުގައި ފަލަޞްޠީނަކީ ޢަރަބިންގެ ބިމެއްކަމުގައިވަނީނަމަ، 1940ގެ އަހަރުތަކުން ފެށިގެން އެބިމުން ފައްސާ ނެރެލެވުނުހާ ޢަރަބިންނާއި އެމީހުންގެ ދަރިންނަށް އެމީހުންގެ ބިންތަކަށް އެނބުރި އައުމުގެ ޙައްޤު އޮންނަންވާނެއެވެ.
ފަލަޞްޠީނުގައި 2007ވަނަ އަހަރު ބޭއްވުނު ޢާންމު އިންތިޚާބުގައި ޙަމާސަށް ފަތަޙަ ޖަމާޢަތުގެ މައްޗަށް ކުރި ލިބުމާއެކު، ޙަމާސްގެ ސަރުކާރެއް ވުޖޫދަށް އައެވެ. އެހެންނަމަވެސް ބައިނަލްއަޤުވާމީ ދުނިޔެއިން އެސަރުކާރު ބަލައެއް ނުގަތެވެ. އަދި އެހިސާބުން ޙަމާސާއި ފަތަޙަ ޖަމާޢަތާ ދެމެދު ހަމަނުޖެހުންތައް އިތުރުވިއެވެ. އެންމެ ފަހުން ޣައްޒާގެ މައްޗަށް ވެރިކަން ކުރާނީ ޙަމާސްކަމުގައި ހަމަޖެހި، ޝައިޚް އިސްމާޢީލް ހަނީޔާގެ ޒަޢާމަތުގައި ޣައްޒާގައި ވެރިކަން ހިގަމުން އައެވެ. އެވެރިކަމަކީ ކާމިޔާބީ ތަކެއް ޙާޞިލުކޮށްފައިވާ ޣައްޒާގެ ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދި ވެރިކަމެކެވެ. އަދި އެއާއެކު ޣައްޒާއަށް ކުރިމަތިވެފައިވާ އަނިޔާވެރި ޙިޞާރާއެކުވެސް ހަސްފަތާލުތަކާއި މަދުރަސާތައް ބިނާކޮށް ތަޢުލީމު ފަތުރައި ރަނގަޅު ކާނާއާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ޚާއްޞަ މަޝްރޫޢުތައް ޙަމާސްއިންވަނީ ހިންގާފައެވެ.
ޣައްޒާ ޞިހުޔޫނީ ދައުލަތުގެ ކުރިމަތީ:
ޣައްޒާއަކީ ފުރަތަމަ އިންތިފާޟާއާއި ދެވަނަ އިންތިފާޟާގައިވެސް އެންމެ ބޮޑެތި ގެއްލުން ލިބުނު ސަރަޙައްދެވެ. ނުވަތަ އެންމެ ބޮޑެތި ޤުރުބާނީތަކެއްވެ، އެންމެ ގިނަ ޝަހީދުން މިނިވަންކަމުގެ މަގުގައި ދޫކޮށްލީ ޣައްޒާއިންނެވެ. 1987ވަނަ އަހަރު ފެށުނު އިންތިފާޟާގައި ޣައްޒާއިން 1000އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ. 2000ވަނަ އަހަރުގެ އިންތިފާޟާގައި ޣައްޒާގެ އަހުލުވެރިންގެ ތެރެއިން 2000 މީހުން ޝަހީދުވެފައިވެއެވެ. އަދި 20000 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭގެ ތެރެއިން 3000އެއްހާ މީހުންނަކީ ދާއިމީ ނުކުޅެދުންތެރިކަމެއް ތަޙައްމަލުކުރަން ޖެހިފައިވާ ބައެކެވެ.
2008ވަނަ އަހަރު ޣައްޒާއާ ދެކޮޅަށް ޞިހުޔޫނީ ދައުލަތުން ވަރުގަދަ ޢަސްކަރީ ޙަރަކާތެއް ފެށިއެވެ. މިޙަރަކާތް ފެށުމުގެ ކުރިން ވެވިފައި އޮތް ވަގުތީ ގޮތުން ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ 115 ފަހަރު ޔަހޫދީން ޚިލާފުވިއެވެ. އެޚިލާފުވުންތަކަށްފަހު ދެން ފެށީ ސީދާ ޢަސްކަރީ ޙަރަކާތެވެ. އެއީ އެއަހަރުގެ ޑިސެންބަރު 27ވަނަ ދުވަހުއެވެ. މިޙަމަލާތަކުގެ އަމާޒަކަށްވީ އަލަށް އުފެދުނު ޙަމާސްގެ ވެރިކަން އެކީ ނައްތާލުންކަމުގައި ޞިހުޔޫނީން އިޢުލާންކުރިއެވެ. އެޙަމަލާތަކަށް ނިމުމެއް އައީ 2009ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. ޙަމަލާތައް ނިމުނު އިރު، މަރުވެފައިވަނީ ގިނައިން ކުޑަކުދިންނާއި އަންހެނުންނެވެ. ޣައްޒާގައި އޮތް ވެރިކަމަކަށް ބަދަލެއް ނާދެއެވެ. އަދި އެހަނގުރާމާގައި ޣައްޒާގެ އެތެރޭގައި ބިމުގައި ހިގައިދިޔަ ހަނގުރާމާގައި ޞިހުޔޫނީ ލަޝްކަރުގެ 100 ސިފައިން ޙަމާސްއިންވަނީ މަރާފައެވެ. އެހެންނަމަވެސް ހަމައެކަނި އެހަނގުރާމައިގެ ފުރަތަމަ ދުވަހުގައި މަތިން ދިން ޙަމަލާތަކުގައި 200އެއްހާ ފަލަޞްޠީން ރައްޔިތުން ޝަހީދުވެފައިވެއެވެ. އެސަބަބަށްޓަކައި އެދުވަހަކީ ކަޅު ހޮނިހިރުގެ ގޮތުގައި ޢަރަބި މީޑިޔާގައި މަޝްހޫރުވިއެވެ. މިހަނގުރާމަ ނިމުނުއިރު ޢުމުރުން 16 އަހަރު ނުފުރޭ 437 ކުދިންނާއި، 110 އަންހެނުންނާއި ޢުމުރުންދުވަސްވީ 123 މީހުން ޝަހީދުކޮށްލާފައިވެއެވެ.
ޞިހުޔޫނީ ދައުލަތުން 2012ވަނަ އަހަރު ތެރޭގައި އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާދިނެވެ. މިފަހަރުގެ ޙަމަލާއަކީ ޢަރަބި ރަބީޢު ނުވަތަ ޢަރަބި ބަހާރު އިމްތިޙާންކުރުމަށް ދިން ޙަމަލާއެކެވެ. އެއިރު މިޞްރުގައި އޮތީ މިޞްރުގެ 25 ޖެނުއަރީގެ އިންޤިލާބަށް ފަހު، ދީމުޤުރާޠީ އުޞޫލުތަކުން އިންތިޚާބުކުރެވިފައިވާ ރައްޔިތުންގެ އިޙުސާސްތަކަށް އިޙުތިރާމްކުރާ ރައްޔިތުންގެ ވެރިކަމެކެވެ. ޑރ.މުޙައްމަދު މުރުސީގެ ވެރިކަމެވެ. ޙަމަލާތައް ފެށުމާއެކު، މިޞްރުގެ އެއިރުގެ ބޮޑުވަޒީރު ހިޝާމް ޤިންދީލް ޣައްޒާއަށް ފޮނުއްވިއެވެ. އަދި އެއަށްފަހު ޞިހުޔޫނީ ދައުލަތަށް ވަރުގަދަ އިންޒާރުތަކެއް ދެއްވިއެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރައްވައި ޙަމާސްގެ ޝަރުޠުތަކުގެ މައްޗަށް ބިނާވެފައިވާ ޞުލްޙައިގެ ވަގުތީ އެއްބަސްވުމެއް ގެނެސްދެއްވިއެވެ. މިކަންތަކަށް ގިނަދުވަސްތަކެއް ނުވަނީސް މިޞްރުގެ ލިބެރަލުން ނުވަތަ ސެކިއުލަރިސްޓުން ނުކުމެ، އެމަނިކުފާނުގެ މައްޗަށް ބަޣާވާތެއް ހިންގައި ވެރިކަމުން ވަކިކޮށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ކޮއްޕައިފިއެވެ.
ޙަމާސްގެ ކާމިޔާބީ:
އިދާރީ ގޮތުން ޣައްޒާގެ ކަންކަން ހިންގުމުގައި ޙަމާސް ހޯދި ކާމިޔާބީގެ އިތުރުން ޢަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ޙަމާސްއިންވަނީ ހޯދާފައެވެ. 2004 ވަނަ އަހަރު ޙަމާސްގެ ރޮކެޓުތައް ދަތުރުކުރީ 40 ކިލޯމީޓަރު ދުރުމިނަށެވެ. މިއަދު 120 ކިލޯމީޓަރު ދުރުމިނަށް ޙަމާސްގެ ރޮކެޓުތައް ދަތުރުކުރެއެވެ. ޙަމާސްގެ ރޮކެޓު ޙަމަލާތައް މިހާރު ޙައިފާއާއި ތަލްއަވީވް އާއި ޤުދުސްއަށް ފޯރައެވެ. އެންމެ ފަހުން ޞިހުޔޫނީންގެ ނިއުކުލިއަރ ރިއެކުޓަރތައް ހުރި ސަރަޙައްދާ ކައިރި ހިސާބުތަކަށްވެސް ރޮކެޓުތައް ފޯރައިފިއެވެ. ޙަމާސްއިންވަނީ ޑުރޯން އުފައްދައި އެޑުރޯންތައް ބޭނުންކޮށްގެން ޞިހުޔޫނީ ދައުލަތުގެ އެންމެ އެތެރެ ފޫއަޅުވައިލާފައެވެ. ޞިހުޔޫނީ ޓީވީ ޗެނެލްތަކުގެ ޓެލެކާސްޓުގެ މެދުތެރެއިން އިންޒާރުގެ މެސެޖުތައް ޙަމާސްއިން ފޮނުވައިފިއެވެ. އިސްރާއީލްގެ އެތައް އިދާރާއެއްގެ ވެބްސައިޓުތައް ހެކުކޮށްފިއެވެ.
ތެދެކެވެ. ޞިހުޔޫނީ ދައުލަތަކީ އެންމެ ޒަމާނީ ޢަސްކަރީ ވަސީލަތްތައް ބޭނުންކުރާ ބައެކެވެ. އަދި އެމީހުންގެ ފަހަތުގައި އޮތީ ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާއެވެ. ޙަމާސަކީ ދުނިޔެއިން ބަލައިގަންނަ ޖަމާޢަތެއްނޫނެވެ. ޣައްޒާއަކީ ހަތަރު ފަރާތުން ޙިޞާރުކުރެވިފައިވާ ތަނެކެވެ. އެފަދަ ޙާލަތެއްގައި އޮވެ، ޙަމާސްއިން މި ހޯދީ ކުޑަ ކާމިޔާބީއެއް ތޯއެވެ؟ މިއީ ކޮންމެ މުސްލިމަކު ފަޚުރުވެރިވުން ޙައްޤު ކާމިޔާބީއެއްކަން ކަށަވަރެވެ.
އިސްތިޢުމާރުގެ ފިޔޮއްތަކަށް:
ނިންމާލަމުން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ އިސްތިޢުމާރުގެ ފިޔޮއްތަކާ ގުޅޭ ގޮތުންނެވެ. މިޒަމާނަކީ ޢަސްކަރީ އިސްތިޢުމާރަށްވުރެ ފިކުރީ އިސްތިޢުމާރު ބޮޑު ދުވަސްވަރެކެވެ. އެގޮތުން މުސްލިމުންގެ މެދުގައި ހުޅަނގުގެ ފިކުރަށް އަޅުވެތިފައިވާ ބައަކު އުފައްދާފައިވެއެވެ. އެމީހުންނަށް އަޅުގަނޑު ކިޔައި އުޅެނީ އިސްތިޢުމާރުގެ ފިޔޮއްތަކެވެ. މުސްލިމުން ކަތިލައި މެރިޔަސް މުސްލިމުންގެ ދިފާޢުގައި ހަތިޔާރު އުފުލަން ނުޖެހޭނެ ކަމުގައި ބުނަނީ މިފަދަ މީހުންނެވެ. ހުޅަނގުގެ މީޑިޔާއިން ދައްކާ ކޮންމެ ވާހަކައެއް ޤަބޫލުކޮށް އިސްލާމީ އުންމަތުގެ ދިފާޢުގައި ބަސްބުނާ، އަޑު އުފުލާ ކޮންމެ މީހަކީ ނިރުބަވެރިއެއް (ޓެރަރިސްޓެއް)ކަމުގައި ހަދަނީ މިމީހުންނެވެ. މިބައިގަނޑު އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގައި ވެސް މިހާރު މަދެއްނޫނެވެ. ޙަމާސާއި ޙަމާސްގެ އަބުޠާލުގެންގެ އަގު ވައްޓައިލުމަށް އިޖުތިމާޢީ ވިއުގަތަކުގައި ފައިނަގައިފައި އެތިބެނީ ޞިހުޔޫނީ ދައުލަތުން މުސާރައެއް ލިބޭ ބަޔަކު އުޅޭ ބީދައިންނެވެ.
ޑރ. މުރުސީގެ ޒަޢާމަތުގައި 2012 ވަނަ އަހަރު އެމަނިކުފާނު މެދުވެރިއެއްގެ ދައުރު އަދާކުރައްވައިގެން ވެވުނު ޞުލްޙައިގެ އެއްބަސްވުމުގައި އޮންނާނީ ޣައްޒާގެ ކައިރީގައި ހުރި ދަނޑުވެރިންގެ ބިންތައް އެދަނޑުވެރިންނަށް ދޫކޮށްލާނެކަމަށެވެ. އެކަމެއް ޞިހުޔޫނީން ނުކުރެއެވެ. އަދި އިސްރާއީލްގެ ޣައިރު ޤާނޫނީ އާބާދުވުން ހުއްޓުމަކަށް ގެނައުމަށް އެއްބަސްވިއެވެ. އަދި އަސީރުންތަކެއް ދޫކޮށްލުމަށް އެއްބަސްވިއެވެ. މިއިން ގިނަކަންކަމާ ޞިހުޔޫނީ ދައުލަތުން ޚިލާފުވިއެވެ. އެކަމުގެ ރައްދުގައި ޙަމާސްއިން ކަމެއްކުރުމުން ޙަމާސް ނިރުބަވެރި ޖަމާޢަތެއްކަމުގައިވަނީނަމަ، ވާންވީއެވެ.
ދީނާއި ވަޠަނުގެ ދިފާޢުގައި ޖިހާދުކުރުމަކީ ޢިއްޒަތެކެވެ. އެއީ ފަޚުރެކެވެ. އެއީ ޙަޤީޤީ ޝަރަފެވެ. އިސްތިޢުމާރުގެ ފިޔޮއްތައް ހިތްހަމަ ނުޖެހުނަސް މުސްލިމުންގެ އަބުރާއި ޢިއްޒަތް ހިފަހައްޓާނެއެވެ. ޖިހާދު ދާނީ ކުރިއަށެވެ. ޣައްޒާއަކީ މިއުންމަތުގެ ޢިއްޒަތުގެ ރަމްޒެވެ. ޝަރަފުގެ ތަޞްވީރެވެ.