ދީނީ އެއްބައިވަންތަކަމާ ބެހޭ ޤާނޫނު ތަންފީޒްކުރުމާ ގުޅޭގޮތުން ފުލުހުންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން މަޝްވަރާކޮށްފި އެވެ.

އިއްޔެ ހެނދުނު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މީޓިންގ ރޫމްގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދީނީ އެއްބައިވަންތަކަމާ ބެހޭ ޤާނޫނު ތަންފީޒްކުރުމުގައި ދެ ފަރާތް ގުޅިގެން ކުރިވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ އާއި އެކަންތައްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެލެއްވީ ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަޙްމަދާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޢަބްދުލް ރަޙްމާނާއި ފުލުހުންގެ ބައެއް އޮފިސަރުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ އެ މިނިސްޓްރީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޢަލީ އާއި އެ މިނިސްޓްރީގެ ކަމާ ގުޅޭ ޔުނިޓްތަކުގެ އިސްވެރިންނެވެ.