ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަގުމަތީ އަގުގެ 480000 ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 32 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

މ ިމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު 10:20 ހާއިރު ހުޅުމާލެ އެކްސްޕްރެސް ޖެޓީ ކައިރިންނެވެ.

މަގުމަތީ އަގުގެ 480000 ރުފިޔާގެ އަގުހުރި މަސްތުވާތަކެތި ފެނިފައިވަނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 33 އަހަރު މީހާގެ ކޮނޑުގައި އޮތް ދަބަހެއްގެ ތެރެއިންނެވެ. މި ދަބަސް ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 2 ފުޅިއެއް ފެނިފައިވެ އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގަައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

އިއްޔެ ފުލުހުން ހިންގި މި އޮޕަރޭޝަނަކީ ފުލުހުންގެ މިއަހަރުގެ ބިޒްނަސް ޕްލޭންގައި ކަނޑައަޅާފައިވާ ޕްރައޯރިޓީސްތަކުގެ ތެރެއިން ކުށްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ޕްރައޯރިޓީގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމާއި އިންސާނުން ޓްރެފިކް ކުރުން ފަދަ ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ.