ލަންކަން ޕޮލިސްގެ އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް މރ. އެންކޭ އިލަންގަކޫން އާއި ރާއްޖޭގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ބައްދަލުކުރައްވައިފި އެވެ.

އިއްޔެ ހެނދުނު ލަންކާ ގަޑިން 10:00 ގައި ލަންކަން ޕޮލިސްގެ މައި އިދާރަގައި ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ޝްރީލަންކާގެ ފުލުހުންގެ މުއައްސައާ ގުޅިގެން ހިންގަމުންދާ ޕްރޮގްރާމްތައް ދަމަހައްޓައި ޤާނޫން ތަންފީޒްކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކޮށް ދިވެހި ފުލުހުންނަށް ތަޢުލީމާއި ތަމްރީންގެ އިތުރު ފުރުޞަތުތައް ހޯދުމާ ގުޅޭގޮތުން ޕޮލިސް ކޮމިޝަނަރު ލަންކާގެ އިންސްޕެކްޓާ ޖެނެރަލާ މަޝްވަރާ ކުރެއްވިއެވެ.

އިއްޔެގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު އިތުރު ކަންތައްތަކުގެ ތެރޭގައި ދެ ޤައުމު ހިއްސާވާ ޤާނޫނު ތަންފީޒްކުރުމުގެ ދާއިރާގެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ ލޯ އެންޑް އޯޑާ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގް ގައި ވާ ކަންކަމުގެ އެންމެފަހުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާ ބެހޭގޮތުންވެސް ދެބޭފުޅުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައި ވެއެވެ.

ޕޮލިސް ކޮމިޝަނަރުގެ މި ދަތުރުފުޅަކީ ސްރީ ލަންކާގެ ޕޮލިސްގެ އިންސްޕެކްޓާ ޖެނެރަލާއި ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ލޯ އެންޑް އޯޑާ މޭޖާ ޖެނެރަލް ރިޓަޔާޑް ނަންދަ މައްލަވަރަައްޗިގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރުގެ އިތުރުން އެ މަނިކުފާނާއެކު ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެލެއްވި އެވެ.