08 Aug 2014, 17:30
މިހާރު ކުރިއަށްދާ 23 ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކްލަބު ކުޅުނު ތިންވަނަ މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ޕޮލިސް ކުލަބް ކުޅުނު ތިންވަނަ މެޗު ކާމިޔާބުކޮށްފައިވަނީ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (އެސްޓީއޭ) އާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 19-25، 13-25 އަދި 23-25 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ.
ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ލީގު އުސޫލުން ކުޅޭ ބުރުގެ އެއްވަނަ ޓީމަށް ފައިނަލުން ޖާގަ ލިބޭއިރު ދެވަނަ ޓީމާއި ތިން ވަނަ ޓީމު ވާދަކުރާނީ ސެމީ ފައިނަލްގައެވެ. މި މެޗުން މޮޅުވުމާ އެކު ޕޮލިސް ކުލަބް ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ. ފައިނަލް މެޗްގައި ޕޮލިސް ކުލަބް ވާދަކުރަން ޖެހެނީ މި މަހުގެ ނުވަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ.