ޣައްޒާ (އޮގަސްޓް 8): ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލާގޮތަށް މެނުވީ އިސްރާއީލާ ދެކޮޅަށް ދޭ ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާނުލާނެ ކަމަށް ބުނާބުނުން ޙަމާސް ޖަމާއަތުން އަނެއްކާ ވެސް ކަށަވަރުކޮށްދީފި އެވެ.

ޙަމާސްގެ ޢަސްކަރީ ގޮފީގެ ތަރްޖަމާން އަބޫ އުބައިދާ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލާގޮތަށް ނޫނީ ޙަމަލާތައް ހުއްޓާލުމުގެ މުއްދަތު ދިގުކުރުމަށް ވެސް އެއްބަސްނުވުމަށް މިކަމާބެހޭ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދަށް އަންގާފައިވާނެ ކަމުގައެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނުގެ ޙަމަލާތައް 72 ގަޑިއިރަށް މެދު ކަނޑާލުމަށް ފަހު އިސްރާއީލުން ވަނީ، މިއަދު އަލުން ހަމަލާތައް ފަށައިފައެވެ.

އިސްރާއީލުގެ ޙިސާރުގެ ދަށުގައި ދިގުމުއްދަތަކަށް އޮތުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑުޖަލަށް ޣައްޒާ ވެފައިވާތާ ވަނީ އަށެއްކަ އަހަރުވެފައެވެ. އިސްރާއީލުގެ ޙިސާރުގެ ދަށުގައި ތާއަބަދު އަޅުވެތިވެފައި ތިބެގެން ލަސްލަހުން ވޭނުގައި މަރުވެގެން ދިޔުމަށްވުރެ އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ހަތިޔާރުން ޖިހާދުކޮށްގެން ހިތްވަރުގައި ޝަހީދުވެ ދިޔުން މާ ރަނގަނޅު ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރާ ޙަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ބުނެއެވެ. މުޖާހިދުންގެ މި ނިންމުމަށް ތާއީދުކޮށް ޣައްޒާގެ އެތަށް ހާސްބަޔަކު އިއްޔެވަނީ މުޒާހަރާކޮށް ހިނގާލުންތައް ބާއްވާފައެވެ.

ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމުގެ ތެރޭގައި ގަތަރުގެ އެހީގައި އދ. ގެ ބެލުމުގެ ދަށުން ޣައްޒާގައި ބިނާކުރުމަށް ރާވާފައިވާ ކަނޑުގެ ބަދަރު ބިނާކުރުމާއި އޮޕަރޭޓް ކުރުމުގެ ފުރްސަތުވެސް އިސްރާއީލު ދިނުން ހިމެނެއެވެ. ޙަމާސްގެ ޢަސްކަރީ ގޮފީގެ ތަރްޖަމާން އަބޫ އުބައިދާ ވިދާޅުވީ ޙިސާރު ނައްތާލުމަށް އިސްރާއީލު އެއްބަސްވަންދެން ހުއްޓުމެއްނެތި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރަމުން ގެންދިޔުމުގެ ގާބިލްކަން އެ ޖަމާއަތަށާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކަށް ލިބިފައިވާ ކަމުގައެވެ. އަދި މުޖާހިދުން އިސްކަންދެނީ ދިގުމުއްދަތުގައި ފަލަސްތީނަށް ފައިދާވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދިގުމުއްދަތަކަށް ހުއްޓުމެއްނެތި އިސްރާއީލާ ދެކޮޅަށް ހަތިޔާރުން ޖިހާދު ކޮށްގެންނޫނީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިޢްތިރާފްނުވާނެ ކަމަށާއި ފަލަސްތީނުގެ ހައްގުތަކަށް އިޢްތިރާފް ވުމަށް އިސްރާއީލަށް މަޖްބޫރު ކުރެވޭނެ ހަމައެކަނި ގޮތަކީ ހަތިޔާރުން ޖިހާދުކުރާ ދިގުމުއްދަތުގެ ހަނގުރާމައަކަށް އިސްރާއީލާއެކު ދިޔުން ކަމަށް ހަމާސްގެ ތަރްޖަމާން ވިދާޅުވިއެވެ.

މިފަދަ ހަނގުރާމައަކަށް ދިޔުމުން އިސްރާއީލު ސިފައިންގެ އެތަށް ހާސްބަޔަކު މަރާލުމުގެ ފުރުސަތު މުޖާހިދުންނަށް ލިބިގެންދާނެތީ މިއީ އިސްރާއީލަށް ކެތްކޮށް ނުލެވޭނެ އަދި އިސްރާއީލުގެ އެންމެ ބޮޑު ބަލިފައި ކަމަށްވެސް ޙަމާސްގެ އަސްކަރީ ތަރްޖަމާން ވިދާޅުވި އެވެ. އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ޖަމާއަތްތަކުން ކުރާ މިނިވަންކަމުގެ ޖިހާދަށް ބަދަލުހިފުމުގެ ގޮތުން އިސްރާއީލުން ގަސްދުގައި މަރަމުން ގެންދަނީ ފަލަސްތީނުގެ ނިކަމެތި އަންހެނުންނާއި ކުޑަކުދިންނެވެ.

ބަދަލުހިފުމުގެ ޙަމަލާތައް އިސްރާއީލު އަމާޒުކޮށް އަދި އެމެރިކާ އިސްރާއީލަށް ފޯރުކޮށްދީފައިވާ ބާރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން ތަޅައި ސުންނާފަތި ކުރަމުން ގެންދަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އާންމުންގެ ގެދޮރާއި މިސްކިތްކަށާއި ރެފިއުޖީންގެ ހިޔާވަހި ތަކެވެ.

މިކަމުގެ ބޭނުމަކީ ހަތިޔާރު ބަހައްޓައި އަމާން ދިނުމަށް ފަލަސްތީނުގެ މުޖާހިދުންނަށް މަޖްބޫރު ކުރުވުމެވެ. މިއީ ހުރިހާ މާނައެއްގައިވެސް ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތައް ކަމަށްވިޔަސް މި ޖަރީމާތައް ހިންގުމުގެ ފަހަތުގައިވާ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރުމުގައި އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނުކުޅެދި ނާކާމިޔާބުވެފައެވެ. އަދި މިޖަރީމާތަކުގައި އެމެރިކާއާއި ހުޅަނގުގެ ބާރުތައް އިސްރާއީލާއެކު ވަނީ ފުރިހަމައަށް ބައިވެރިވެފައެވެ.

ޣައްޒާއާ ދެކޮޅަށްދޭ އުދުވާނުގެ ޙަމަލާތައް ދާއިމީ ގޮތަކަށް ހުއްޓާލުމަށް އިސްރާއީލުން ހުށަހަޅާ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ޝަރުތަކީ ޙަމާސްއާއި ފަލަސްތީނުގެ މުޖާހިދުންގެ އެހެން ޖަމާއަތްތަކުގެ އަތުން ހަތިޔާރު ނިގުޅައިގަތުމެވެ. މި ޝަރުތާބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޙަމާސްއިން ވަނީ ދެކޮޅު ހަދާފައެވެ. (އަލްޖަޒީރާ)