08 Aug 2014, 17:03
ޣައްޒާ (އޮގަސްޓް 8): އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އެންބިއުލަންސް ތަކަށާއި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތަކަށް ހަމަލާތައް ދީފައިވަނީ ރާވައިގެން ގަސްދުކަން ހާމަވާ ހެކިތައް ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށް އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފި އެވެ.
އެމްނެސްޓީގެ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ރީޖަނަލް ޑައިރެކްޓަރު ފިލިޕް ލޯތަރ ވިދާޅުވީ، އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އެންބިއުލަންސް ތަކަށާއި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތަކަށް ހަމަލާތައް ގަސްދުގައި ދީފައިވާ ކަމަށް ބެލެވޭއިރު މިއީ ބައިނަލްއަގްވާމީ ގާނޫނުގައި މުޅިން މަނާކުރާ ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި ނޫނީ ސިފަކުރެވެން ނޯންނާނެ ކަމުގައެވެ.
އިސްރާއީލުން ޣައްޒާގެ އެތަށް ހޮސްޕިޓަލަކަށް ގަސްދުގައި ޙަމަލާތައްދީ ބަލިމީހުންނާއި ސިއްޙީ ތަޖްރިބާކާރުން މަރާލާފައިވާއިރު އިސްރާއީލުގެ ޙަމަލާތަކުގައި ޒަޚަމްވެފައިވާ މީހުން ނަގައިގެން ހޮސްޕިޓަލްތަކަށް ގެންދިޔުމުގައި ހަރަކާތްތެރިވާ ސިއްޙީ ޓީމްތަކަށްވެސް އިސްރާއީލުންވަނީ ގަސްދުގައި ޙަމަލާތައް ދީފައެވެ.
އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށާއި އެންބިއުލަންސް ތަކަށާއި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމްތަކަށް ގަސްދުގައި ޙަމަލާތައް ދިން މައްސަލަ އދ.ން ތަހްގީގްކޮށް މި މައްސަލާގައި ޒިންމާއުފުލަންޖެހޭ އިސްރާއީލުގެ މަސްއޫލުވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރުކުރަންޖެހޭނެ ކަމަށް އެމްނެސްޓީގެ ރީޖަނަލް ޑައިރެކްޓަރު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އިސްރާއީލު ސިފައިން ޣައްޒާގެ ދެކުނުގެ ރަފްހުގައި ފަލަސްތީނުގެ މަދަނީންގެ ގަޔަށް ގަސްދުގައި ބަޑިޖަހައި ގިނައަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އަދި ހަނގުރާމައިގެ ޙާލަތުގައިވެސް ހަތިޔާރުނެތް މީހުންނަށް ހަމަލާދީ އާންމުން މެރުމަކީ ހަނގުރާމައިގެ ޖަރީމާ ކަމަށް އެމްނެސްޓީގެ ރީޖަނަލް ޑައިރެކްޓަރު ވިދާޅުވިއެވެ. (އަލްޖަޒީރާ)