08 Aug 2014, 16:52
އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ އަދި ފަހުން އިސްލާމިކް ސްޓޭޓް(އައިއެސް) ގެ ނަމުގައި ހަރަކާތްތެރިވާ އިރާގުގެ ހަނގުރާމަވެރި ޖަމާއަތާ ދެކޮޅަށް ވައިގެ ހަމަލާތައް ދިނުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އެމެރިކާ ސިފައިންނަށް އަންގަވައިފި އެވެ.
ސީއެންއެން ބުނީ އައިއެސްއާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭން އޮބާމާ އިއްޔެ އެންގެވީ އިރާގުގެ ބައިމަދު ދީނެއް ކަމަށްވާ ޔަޒީދީ ދީނުގެ ބަޔަކު އައިއެސް އިން ހިސާރުކުރުމުން ކަމަށެވެ.
ބައެއް ރިޕޯޓްތައް މީޑިއާތަކުން ބުނާ ގޮތުގައި އައިއެސްއިން ވަނީ ޔަޒީދީން އިސްލާމް ވުމަށް ނުވަތަ އެމީހުންގެ އަވަށްތައް ދޫކޮށް ދިއުމަށް އަންގާފައެވެ. އަދި އޭގެ ތެރެއިން އެއް ބަޔަކު ފަރުބަދައެއްގެ މަތީގައި ތާށިވެފައި އެބަތިބި ކަމަށެވެ. ނަމަވެސް އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޔަޒީދީން އުޅޭ އަވަށްތަކެއް އައިއެސްގެ ބާރުގެ ދަށަށް ދިއުމުން އެއަވަށްތަކުގެ މީހުން ރަށުން ފައިބައިގެން ދިޔައީ ކަމަށެވެ.
ވައިގެ ހަމަލާތައް ދޭން އެންގެވިކަން އިއުލާން ކުރައްވައި އިއްޔެ ވައިޓްހައުސްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވެފައި ވަނީ ގަތުލު އާއްމަކަށް މަގުފަހިވާ ގޮތަށް ބަޔަކު ކަންތައް ކުރާ އިރު އެމެރިކާއިން އެކަމަށް ކަނު ލޮލެއް ނުދޭނެ ކަމަށެވެ.
އެމެރިކާއިން އައިއެސްއާ ދެކޮޅަށް ހަމަލާދޭން ތައްޔާރުވެފައި މިވަނީ އިރާގުގައި މާކުރިން ފެށިގެން ވަކިވެގަނެގެން އުޅޭ ކުރުދީންގެ ވެރިރަށް އިރުބީލް އައިއެސް އިން ހިފަން ތައްޔާރުވަނިކޮށެވެ. އެރަށާ ވަރަށް ކައިރީގައި އައިއެސް އިން ކުރުދީންނާ ހަނގުރާމަކޮށް ބަލިކުރަމުން ދާއިރު އެމެރިކާގެ ގިނަ ބަޔަކު އެރަށުގައި އެބަތިއްބެވެ.
ފާއިތުވި ދެދުވަސް ތެރޭގައި އައިއެސް އިން ހިފާފައިވާ ޔަޒީދީންގެ އަވަށްތަކަކީ ވެސް ކުރުދީ ޕެޝްމާގާ ހަނގުރާމަވެރިން ބަލަހައްޓަމުން އައި ރަށްތަކެކެވެ.