ގާޒާ ސްޓްރިޕް ނުވަތަ ޣައްޒާއަކީ މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައިވާ ފަލަސްތީނަށް ނިސްބަތްވާ ސަރަހައްދެކެވެ. ޣައްޒާގެ އުތުރާއި އިރުމަތިން އޮންނަނީ އިސްރާއީލެވެ. އަދި ހުޅަނގު ދެކުނަށް އޮންނަނީ މިސްރާ އިން ވެގެން އޮންނަ ހަތް މޭލުގެ ސަރަޙައްދީ ރޮނގެވެ.

ޣައްޒާގެ ތާރީހަށް ބަލާއިރު، މި ސަރަހައްދަކީ އަރަބިންނާއި، ސޮލީބީންނާއި، އޮޓޮމަން އެމްޕަޔަރު ގެ ބާރުގެ ދަށަށް އެކި ފަހަރުގެ މަތިން ގެންގޮސްފައިވާ ސަރަހައްދެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ޣައްޒާއަކީ އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދެކެވެ. 1948 ވަނަ އަހަރު އަރަބި އިސްރާއީލް ހަނގުރާމައަށް ފަހު ޣައްޒާ ކޮންޓްރޯލް ކުރަމުން ދިޔައީ މިސްރުންނެވެ. އިސްރާއީލޭ ކިޔާ ޒަޔަނިސްޓް ދައުލަތުގެ ބާރުގެ ދަށަށް އެ ސަރަހައްދު ގޮސްފައި ވަނީ 1967 ވަނަ އަހަރު ހިނގާދިޔަ ހަނގުރާމައަކަށް ފަހުގައެވެ. ހަ ދުވަހުގެ ހަނގުރާމައިގެ ގޮތުން ނަން ދެވިފައިވާ މި ހަނގުރާމައަށްފަހު، ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރި އާއި، އިރުމަތީ ގުދުސް، ގޯލާން ގެ އުސްބިންތަކާއި، ސައިނާ ޕެނިންސޫލާ ވެސް ވަނީ އިސްރާއީލުގެ ބާރުގެ ދަށަށް ގޮސްފައެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު އެކުލަވާލި އޮސްލޯ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ސަރުކާރެއް އުފެއްދުމުގެ ހައްގު ލިބިދޭނެ ޖެހޭނެ ކަމަށް ނިންމިއެވެ. އެއާއެކު ދެން ޖެހިގެން އައި ދިހަ އަހަރު ޣައްޒާގައި ވެރިކަން ކޮށްފައިވަނީ އިސްރާއީލާ ފަލަސްތީނުގެ ނޭޝަނަލް އޮތޯރިޓީންނެވެ.

ފަލަސްތީނުގެ ނޭޝަނަލް އޮތޯރިޓީ އިން ޣައްޒާގެ ދާހިލީ ކަންކަން ބަލަހައްޓަމުން ދިޔައިރު، އަސްކަރީ ކަންކަމާއި، ބައިނަލްއަގްވާމީ މުޖްތަމައުއާ ގުޅުން ހުރި ކަންކަމުގެ ކޮންޓްރޯލް އޮތީ އިސްރާއީލުގެ އަތުގައެވެ. އެހެންކަމުން ހުޅަނގު އައްސޭރިއާ ޣައްޒާވެސްވަނީ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައެވެ.

ޣައްޒާއާ ގުޅުން ހުރި ހުރިހާ ކަންކަމެއް ސީދާ ފަލަސްތީނުގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވަނީ 2005 ވަނަ އަހަރު އިސްރާއީލުގެ އޭރުގެ ބޮޑު ވަޒީރު، އެރިއެލް ޝެރޯން ޣައްޒާގައި އަސްކަރީ ވެރިކަން ހިންގުން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ. ނަމަވެސް ވަޔާ ކަނޑާ އެއްގަމުމަގުން އިސްރާއީލުންވަނީ ޙިސާރުގެ ވަރުގަދަ ފިޔަވަޅުތަކެއް ޣައްޒާއާ ދެކޮޅަށް އަޅާފައެވެ. 2007 ވަނަ އަހަރު ހަމާސް ޖަމާއަތުން ޣައްޒާގެ ކޮންޓްރޯލް އަތުލުމާގުޅިގެން ފަލަސްތީނުގެ ދާހިލީ ހަމަޖެހުމަށް ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މިގޮތުން ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއާ ހަމާސްއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެގެން ގޮސްފައިވެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ހަމާސް އާއި ފަތަހް އިން ވަނީ އެއްގަލަކަށް އަރައި ދެބަސްވުންތައް ނައްތާލާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ހުޅަނގު އައްސޭރި އަދި ޣައްޒާގައި ވެރިކަން ކުރުމަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވައިލާފައެވެ. ނަމަވެސް މި ސަރުކާރަކީ އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި އޮންނަ ކައުންސިލެއްފަދަ ލޯކަލް އޮތޯރިޓީއެކެވެ.

ޣައްޒާގެ ވަށައިގެންވާ ބޯޑަރު އުފެދުނީ ކިހިނެއް؟

ގާޒާ ސްޓްރިޕް އަކީ ފަންސަވީސް މޭލު ދިގު އަދިތިން މޭލާ ހަތް މޭލު ފުޅާ ސަރަހައްދެކެވެ. ޣައްޒާ ވަށައިގެންވާ ސަރަހައްދުތަކުގައި ވަނީ މެޑިޓެރޭނިއަން ކަނޑާއި، މިސްރު އަދި އިސްރާއީލެވެ. މި ބޯޑަރުތައް ކަނޑައެޅިގެން ދިޔައީ އަރަބި އިސްރާއީލް ހަނގުރާމަތަކަށް ފަހުގައެވެ. 1948 ވަނަ އަހަރު ހިނގި މި ހަނގުރާމައިގައި މިސްރު އަސްކަރިއްޔާގެ މައި މަރުކަޒެއްގެ ގޮތުގައި ޣައްޒާ ބޭނުން ކުރަމުން ދިޔައިރު، މި ހަނގުރާމައިން އިސްރާއީލް މޮޅުވުމުން، ފަލަސްތީނުގެ އިތުރު ބިންތަކަށް ޒަޔަނިސްޓު ޔަހޫދީން އަތްގަދަކޮށް ވެރިވެގަތެވެ.

ޣައްޒާގައި ދިރިއުޅެނީ ކޮން ބައެއް؟

ޣައްޒާގައި ދިރިއުޅެމުން ދިޔަ ޔަހޫދީންނަކީ 1967ގެ ހަނގުރާމައިގައި އިސްރާއީލުން އެތަން ހިފުމަށްފަހު އެތަނުގައި ވަޒަންވެރި ކުރުވި ބައެކެވެ. ޣައްޒާގައި ތިބި ޔަހޫދީން އެތަން ދޫކޮށް ދިޔުމާއެކު، ޣައްޒާގެ އާބާދީ އަކީ މުޅިންވެސް ފަލަސްތީނުގެ އަރަބީންނެވެ. އޭގެ ތެރެއިން 99 އިންސައްތަ މީހުންނަކީ ސުންނީ މުސްލިމުންނެވެ. 1948 ވަނަ އަހަރު އިސްރާއީލް އުފެދުމަށްފަހު، ޣައްޒާގެ އާބާދީއަށް ފަލަސްތީނުގެ ރެފިއުޖީން އަންނަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. 20 އަހަރުގެ ތެރޭގައި ޣައްޒާގެ އާބާދީ ވަނީ ހަ މިލިއަނަށް އަރާފައެވެ. މިހާރު ޣައްޒާގެ އާބާދީއަށް ބަލާއިރު، 146 އަކަމޭލުގެ ސަރަހައްދެއްގައި 1.5 މިލިއަން މީހުން ދިރިއުޅެމުންދެއެވެ. މީގެ ތެރެއިން 86 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ އދ.ގެ މިންގަނޑުތަކުން ބަލާއިރު، ފަގީރު ހާލަތުގައެވެ.

ޣައްޒާއާ މިސްރާ ދެމެދުވާ ދަގަނޑު ފެންސު އުފެއްދީ ކޮން ބައެއް؟

ނަވާރަ ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު އިސްރާއީލާ މިސްރާ ދެމެދުވަނީ ކޭމްޕް ޑޭވިޑް އެއްބަސްވުމުގެ ނަމުގައި ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ސައިނާ ޕެނިންސޫލާ މިސްރަށް އަނބުރާ ދިނުމަށް އިސްރާއީލުން އެއްބަސްވި އެވެ. އޭގެ ބަދަލެއްގެ ގޮތުގައި މިސްރާ ޣައްޒާއާ ދެމެދުގައި ސަތޭކަ މީޓަރު ފުޅާ ބިމެއް ކަނޑައެޅުމަށް މިސްރުގެ ސަރުކާރުން އެއްބަސްވި އެވެ. މި ސަރަހައްދަށް ދީފައިވާ ނަމަކީ ފިލަޑެލްފި ކޮރިޑޯ އެވެ.

ދެހާސް ފަސްވަނަ އަހަރު އިސްރާއީލް ސިފައިން ޣައްޒާ އިން ފޭބުމާއެކު، މިސްރާއި އިސްރާއީލާ ދެމެދު އާ އެއްބަސްވުމެއް އެކުލަވާލި އެވެ. އޭގެ ދަށުން ފިލަޑެލްފި ކޮރިޑޯ ސަރަހައްދުގައި މިސްރުގެ 750 ބޯޑަރު ގާޑުން ބެހެއްޓުމަށާއި، އެ ސަރަހައްދުގައި އިސްރާއީލުގެ ސަލާމަތާ އަމާންކަމަށް މަސައްކަތް ކުރުމުގައި އިޒްރޭލަށް އެއްބާރުލުން ދިނުމަށް މިސްރުގެ ސަރުކާރުން އެއްބަސްވި އެވެ.

ނޮވެމްބަރު 2005 އިން ޖުލައި 2007 އަށް ޣައްޒާ އިން މިސްރަށް ވަދެވެން އޮތް ހަމައެކަނި ސަރަހައްދަށް ދީފައިވާ ނަމަކީ ރަފާހް ޕޮއިންޓެވެ. މިތަން ކޮންޓްރޯލް ކުރަމުން ގޮސްފައި ވަނީ މިސްރާއި ފަލަސްތީނުގެ ސަރުކާރުންނެވެ. އަދި މިކަމުގައި ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ދިޔައީ ފަލަސްތީނަށް އެއްބާރުލުން ދެމުންނެވެ. ނަމަވެސް ޖޫން 2007ގައި ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ނެގުމާ ގުޅިގެން އީޔޫ އިން ވަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލައިފައެވެ. އަދި އިސްރާއީލްގެ ފިއްތުންތަކާއެކު އެކުލަވާލި އެއްބަސްވުމަކުން، ރަފާހް ޕޮއިންޓް ބަންދު ކުރުމަށް މިސްރުން ނިންމި އެވެ. އެއާއެކު، ޣައްޒާ ވެގެން ދިޔައީ ފަލަސްތީނުގެ ރައްޔިތުން ބަންދުވެފައި ތިބި ބޮޑު ޖަލަކަށެވެ. މިއަދާ ހަމައަށް ވެސް އެކަން ދެމި އޮތީ ހަމަ އެގޮތުގައެވެ.