08 Aug 2014, 15:33
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާން މެދުކަނޑައިލުމަށް ފަހު މިއަދު އަލުން ފަށައި އެރަށުން ކުޑަކުއްޖަކު ޝަހީދުކޮށްލައިިފި އެވެ.
އިސްރާއީލުން މިއަދު ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށާއި މިއީ ހަމަލާތައް ތިން ދުވަހަށް މެދުކަނޑައިލުމަށް ފަހު އަލުން ފެށިފަހުން މަރެއްގެ ރިޕޯޓް ލިބުނު ފުރަތަމަ ފަހަރު ކަމަށް އަލް ޖަޒީރާ އިން ބުނެ އެވެ.
އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާދޭން ފެށީ ޣައްޒާގެ ރައްޔިތުން ދިފާއުކުރުމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން އިސްވެ ހަމަލާ ދިން ކަމަށް ބުނުމަށް ފަހުގައެވެ. ހަމާސް އިން މިއަދު ހެނދުނު އިސްރާއީލަށް 17 ރޮކެޓް ފޮނުވާލި ކަމަށް އެ ގައުމުން ކުރިން ވަނީ ބުނެފަ އެވެ.
އޭގެ ފަހުން އިސްރާއީލު ސިފައިން ބުނިކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކުރީ އެމީހުން އަލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ޝަހީދުވީ އަދި ޒަހަމްވީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާންމުންނެވެ. އަދި 400 ކުޑަކުދިންވެސް މި އަދަދުގެ ތެރޭގައި ހިމެނެ އެވެ.