08 Aug 2014, 14:57
ހަ މިލިޔަނަށްވުރެ ގިނަ ރުފިޔާއާއެކު ދިވެހި މީޑީއާގެ ފަރާތްތަައް ގުޅިގެން ބާއްވާ "ހެލްޕް ގާޒާ" ޓެލެތޯން ފަށައިފި އެވެ.
އިސްރާއީލުގެ ޔަހޫދީ ސިފައިން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ހާލުގައި ޖެހެމުންދާ ޣައްޒާގެ ރައްޔިތުންނަށް އެހީގެ އަތެއް ފޯރުކޮށްދިނުމަށް މިއަދު މެންދުރު ފަހު 2:30 އިން ފެށިގެން 33 ގަޑިއިރާއި 30 މިނިޓަށް ކުރިއަށް ގެންދާ "ހެލްޕްގާޒާ" ޓެލެތޯނަކީ ރާއްޖޭގެ މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.
ހެލްޕު ޣައްޒާ ފަންޑަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުގެ މޭޒެއް ޓީވީއެމްގައި ވަނީ ބަހައްޓާފަ އެވެ. ވަގުތުން ފައިސާ ދައްކަން ބޭނުންވާ ފަރާތްތަކަށް ވެސް ވަނީ އެ ފުރުސަތު ޓީވީއެމްގައި ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ބީއެމްއެލްގެ ޕީއޯއެސް މެޝިންތައް މެދުވެރިކޮށް ވަގުތުން ކާޑުން ފައިސާ ދެއްކޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ހެލްޕު ޣައްޒާ ފަންޑަށް ޗެކުން ވެސް ފައިސާ ޖަމާކުރެވޭނެ ގޮތް ވެސް ޓީވީއެމްގައި ބަހައްޓާފައިވާ މޭޒުގައި ވަނީ ހަމަޖައްސާފަ އެވެ.
ޓީވީއެމް ސްޓޫޑިއޯ ވަންގައި ޓެލެތޯން ފެށުމުގެ ގޮތުން ހަ ކުޑަކުއްޖަކު ވަނީ ޓެލެތޯންއަށް ފައިސާ ހަދިޔާކޮށްފަ އެވެ.
ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއެކު ޓެލެތޯން ސްޓިއަރިން ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ދިވެހި މީޑީއާއިން މިފަދަ ކަމަކަށް އިސްނެގީ، މީޑީއާގެ ވަސީލަތްތައް ބޭނުންކޮށްގެން ވީހާވެސް ގިނަ ބަޔަކަަށް އިސްރާއީލުގެ އަނިޔާވެރި ލާއިންސާނީ އަމަލުތައް އަންގައިދީ އަދި މެދުވެރިއެއްގެ ބައި އަދާކުރުމަށް މަސައްކަތް ކުރެވިދާނެ އެއްފަރާތަކީ މީޑިއާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް "ހެލްޕް ގާޒާ" ޓެލެތޯން އިންތިޒާމްކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.
"ހެލްޕް ގާޒާ" ޓެލެތޯނަށް އެކި ކުންފުނިތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ސަރުކާރުގެ ގިނަ އަދަދެއްގެ މުއައްސަސާތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"ހެލްޕްގާޒާ"ގެ ނަމުގައި ކުރިއަށް ގެންދާ މި ޓެލެތޯންގެ ހޭޝް ޓެގެއްގެ ގޮތުގައި ބޭނުން ކުރާނީ، HelpGazaMv# އެެވެ. އަދި ޓެގްލައިނެއްގެ ގޮތުގައި ބޭނުންކުރާނީ "މަވެސް އެހީވާނަން" އެވެ.