08 Aug 2014, 14:31
ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ހަލާކުވެފައިވާ ދެބަނދަރުކަމަށްވާ ރ. އުނގޫފާރާއި ނ. މަނަދޫގެ ބަނދަރު އަލުން ހަދައި ހުޅުވައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ދެ ބަނދަރުވެސް ހުޅުވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
ފަރަންސޭސިވިލާތުގެ ސަރުކާރުގެ ލޯނު އެހީގެ ދަށުން ހެދި އެ ދެބަނދަރުވެސް ހުޅުއްވައިދެއްވީ ފަރަންސޭސި ސަފީރު ޖޯން ޕޯލް މޮންޗައު އެވެ.
ދެބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްފައި ވަނީ 2011 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތިން ވަނަ ދުވަހުއެވެ.
ދެބަނދަރުގެ ތެރެއިން ރ. އުނގޫފާރުގެ ބަނދަރަކީ 750 ފޫޓް ދިގު އަދި 350 ފޫޓް ފުޅާ ބަނދަރެކެވެ. އެ ބަނަދަރު ހެދުމަށް 2.7 މިލިޔަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ ފަރަންސޭސިވިލާތުގެ އެހީ އިން ހަރަދުކޮށްގެން ކުރި މަސައްކަތްތައް މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު ނިމުނު ކަމަށެވެ. އަދި އޭގެ އިތުރުން އުނގޫފާރު ރައްޔިތުންނާއި ރަށު ކައުންސިލުން އެދިގެން ދައުލަތުގެ ހަރަދުގައި ކުރަމުން އަންނަ ބައެއް މަސައްކަތްތަކުގެ ބޮޑު ބައެއް ވެސް މިހާރު ނިމިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފަރަންސޭސި ވިލާތުގެ ލޯން އެހީ އިން ނ. މަނަދޫގައި ހަދާފައި ވަނީ 1200 ފޫޓް ދިގު އަދި 350 ފޫޓް ފުޅާ ބަނދަރެކެވެ. އެ މަސައްކަތަށް ޖުމްލަ 3.9 މިލިޔަން ޑޮލަރު ހަރަދުވި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ބަނދަރުގައި ވެސް ފަރަންސޭސި އެހީގައި ކުރި މަސައްކަތް ކުރިން ވަނީ ނިމިފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު 14 ވަނަ ދުވަހު އެ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.