ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން ރުހުން ދޭން ފެންނަ ކަމަށް ދެ ބޭފުޅެއްގެ ނަންފުޅު ކޮމެޓީން ފާސްކޮށްފި އެވެ.

ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ ތިން މެންބަރެއްގެ‏‎ މަގާމުގެ ‏‎‏މުއްދަތު މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ‏‏އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި ތިން ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ކުރިން އެ ކޮމިޝަންްގެ ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝަހިންދާ އިސްމާއީލް އިސްތިއުފާ ދެއްވާފައި ވާތީ އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް ޔާމީން މާފަންނު ކުރޮޅި، އާދަމް ޒާހިރުގެ ނަންފުޅު، މަޖިލީހަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމުގައި މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކޮށްފައިވާ ދެ ބޭފުޅުންނަކީ ދަފްތަރު ނަމްބަރު 1320 ފާތިމަތު ސަރީރާ އަލީ ޝަރީފާއި ސ. މީދޫ ހަސަންކާރިގޭ މުހައްމަދު ފަރުހާދަށެވެ. އޭގެ ތެރެއިން ފާތިމަތު ސަރީރާއަށް ލިބިވަޑައުގެންނެވީ 91.2 ޕަސެންޓް މާކުްްސް އެވެ. އަދި ފަރުހާދަށް ލިބިވަޑައިގެންނެވީ 76.5 ޕަސެންޓް މާކްސް އެވެ.

ޕީއައިސީއަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން ކޮމެޓީން ރުހުން ލިބިވަޑައިނުގެންނެވި އާދަމް ޒާހިރުއަށް ލިބިވަދައިގެންނެވީ 68 ޕަސެންޓް މާކްސް އެވެ. ދެން ކޮމެޓީގެ ރުހުން ލިބިވަޑައި ނުގެންނެވި ހ. ގްލޯރިއޯސާ‏ ‏ އަލީ ނަދީމަށް ލިބިވަޑައިގެންނެވީ 72.9 ޕަސެންޓް މާކްސް އެވެ.

މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް ކޮމެޓީން ފާސްކުރާނީ 75 ޕަސެންޓް މާކްސް ލިބިވަޑައިގަތުމުންނެވެ. ހަތަރު ބޭފުޅުންނަށް ރުހުން ދިނުމާއި މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.