އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދިޔަ އުދުވާނު ތިން ދުވަހަށް މެދުކަނޑައިލުމަށް ފަހު އަނެއްކާ ވެސް ފަށައިފި އެވެ.

އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާދޭން ފެށީ ޣައްޒާގެ ރައްޔިތުން ދިފާއުކުރުމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން އިސްވެ ހަމަލާ ދިން ކަމަށް ބުނުމަށް ފަހުގައެވެ. ހަމާސް އިން މިއަދު ހެނދުނު އިސްރާއީލަށް 17 ރޮކެޓް ފޮނުވާލި ކަމަށް އެ ގައުމުން ކުރިން ވަނީ ބުނެފައެވެ.

އޭގެ ފަހުން އިސްރާއީލު ސިފައިން ބުނިކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ އެމީހުން އަލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ޝަހީދުވީ އަދި ޒަހަމްވީ ކިތައް މީހުން ކަމެއް އަދި ނޭނގެ އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާއްމުންނެވެ. އަދި 400 ކުޑަކުދިންވެސް މިއަދަދުގެ ތެރޭގައި ހިމެނެ އެވެ.