ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ލޮބުވެތި މުސްލިމް ރައްޔިތުންނަަށް އެހީވުމުގެ ގޮތުން ކުރިއަށް ގެންދާ "ހެލްޕް ގާޒާ ޓެލެތޯން"ގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ގދ. ނަޑެއްލާގައި ހުރި އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ އެ ޓެލެތޯން ފަންޑަށް ހަދިޔާކުރުމަށް ނިންމައިފި އެވެ.

ނަޑެއްލާ ކައުންސިލްގެ އިދާރާއިން ބުނީ، ފަލަސްތީނާއެކު ނަޑެއްލާ ރައްޔިތުން ވެސް ތިބިކަން އަންގައި ދިނުމުގެ ގޮތުން އެރަށުގައި މިއަދު ހަވީރު ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށެވެ. އެގޮތުން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބާއްވާ ޓެލެތޯންއަށް ނަޑެއްލާ ކައުންސިލް އިދާރާ މުވައްޒަފުންނާއި، ފެނަކަ ނަޑެއްލާ ބްރާންޗުގެ ހުރިހާ މުވައްޒަފުންނާއި، ނަޑެއްލާ ސިއްހީ މަރުކަޒުގެ މުވައްޒަފުންގެ އިތުރުން ނަޑެއްލާ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކުރަން ނިންމާފައި ވާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.

ނަޑެއްލާ ކައުންސިލް އިދާރާއިން ބުނީ، މިއަދު ހަވީރު 4:30ގައި އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ހިމެނޭގޮތަށް ހިނގާލުމެއް ވެސް ބާއްވަން ހަމަޖެހިފައި ވާ ކަމަށާއި، އަދި އެކަމުގެ ތައްޔާރީތައް ފޯރިއާ އެކު ކުރިއަށްދާ އިރު، ޣައްޒާއަށް އެހީވުމަށް ފަންޑު ފޮއްޓެއް ވެސް ބެހެއްޓުމަށް ހަމަޖެހިފައި ވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާގައި ހިންގި އިންސާނިއްޔަތުކަމެއް ނެތް ރަހުމުކުޑަ އުދުވާނުގައި ފަލަސްތީނުގެ އެތަކެއް ހާސް ރައްޔިތުން ޝަހީދު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި، ކުޑަކުދީން ހިމެނެ އެވެ.