08 Aug 2014, 12:12
ރަފަހަކީ އިސްރާއީލުން ހިފާފައިވާ ބިންތަކާއި މިސްރާއީ ޣައްޒާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ އަވަށެކެވެ. އަށް އަހަރުވަންދެން ހިސާރުކޮށްފައި އޮތް ޣައްޒާއަށް ކާބޯތަކެތި މިސްރުން ގެނައުމަށް ބިންގަރާސްތައް ހަދައިގެން ކުރީން މަސައްކަތް ކުރީ އެސަރަހައްދުގައެވެ. އަދި އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ މުޖާހިދުން އެ ގައުމަށް ހަމަލާދޭން ވެސް ބިންގަރާސްތައް ހެދީ އެތަނުގައެވެ. ޖުލައިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ގާތްގަނޑަކަށް އެއް މަސް ވަންދެން އިސްރާއީލުން ދިން އުދުވާނީ ތައް އެންމެ ބޮޑަށް އަމާޒުވި އަވަށަކަށް އެ އަވަށް ވީ އެހެންވެއެވެ.
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ވަރުގަދަ އުދުވާނު މިހާރު ވަނީ މަޑުޖައްސާލާފައެވެ. ތިން ދުވަސް ވަންދެން ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވީ އެއްބަސްވުމެއްގެ ދަށުންނެވެ.
ރަފަހަށް ލިބިފައިވާ ގެއްލުމާއި އެއަވަށުގެ މީހުންނަށް ޖެހުނު ހާލު ރަނގަޅަށް ބަލައިލުމުގެ ފުރުސަތު ނޫސްވެރިންނަށް ލިބުނީ ހަމަލާތައް ހުއްޓައިލުމުންނެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގެ ނޫސް ވެރިންނަށް ފެނުނު މަންޒަރުތައް އެ އެޖެންސީން ވަނީ މިމަހުގެ ހަވަނަ ދުވަހު ގެނެސްދީފައެވެ.
ރަފަހުގައިވާ އެއް ކިލޯމީޓަރުގެ ސަރަހައްދެއް މުޅިން ވަނީ ފަނާވެފައެވެ. އެސަރަހައްދުގައި ނުވެއްޓޭ އެންމެ ގެއެއް ނެތެވެ. ހަލާކުވެފައިވާ އިމާރާތްތަކުގެ ކޮންކްރީޓާއި ދަނގަޑާއި ގެތަކުގައި ހުރި ފަރުނީޗަރު ހަލާކުވެގެން އުފެދިފައިވާ ކުނި ނޫނީ އެތާނގައި ނުވެއެވެ. ކަދުރު ރުއްތަކާއި ގަސްތައް ވެސް ވަނީ މުލުންލާފައެވެ.
ކުނިބުނީގެ މަތީގައި އިށީނދެލައިގެން އިން އަންހެނަކު ނޫސްވެރިންނަށް ފެނުނެވެ. އެއީ އަސްމަހާން އިސްމާއީލް އަބޫ އައް ރޫސްއެވެ. އޭނާގެ ކައިރީގައި އޭނާގެ ފިރިހެން ދަރިން ކުރެ ކުޑަ އެއްކުޖަކު ވިއެވެ. އޭނާ ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވުމުގެ ކުރިން އޭނާ ދިރިއުޅުނު ގެއަކީ 200،000 ޑޮލަރު ހަރަދުކޮށްގެން ހެދި ގެއެކެވެ.
ހަލާކުވެފައިވާ ގެތަކުގެ ގާތަކުގެ ތެރޭގައި އަސްމަހާން ފަދައިން ތިބި މީހުން ނޫނީ ރަފަހަކުން އެދުވަހު ނުފެނެއެވެ. އެމީހުން އައީ ރައްކާތެރިކަމެއް ލިބޭތޯ ތިމާގެ މީސްމީހުންގެ ގެތަކާއި ޔޫއެންގެ ހިޔާތަކަށް ގޮސްތިބެފައެވެ. އެމީހުން ކުރަމުން ދިޔަ ކަމަކީ ގެތަކަށް ވެފައިވާ ގޮތް ދުށުމާއި ބޭނުންކުރެވޭނެ ހާލަތެއް އޮތް އެއްޗެއް ފެނޭތޯ ބެލުމެވެ.
ފިރިހެނުން އެކަކު އަނެކަކާ ކަރާއި ކަރު ޖައްސައި ސަލާމް ކުރަމުން ދިޔައެވެ.
" މާތް ރަސްކަލާނގެ ތިބާއަށް ބަދަލު ދެއްވާނެ، ތިބާ ސަލާމަތުން ހުރީތީ މާތް ރަސްކަލާނގެއަށް ޝުކުރުކުރަން،" އެމީހުން އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ.
ރަފަހު ބިމާ ހަމަކޮށްލި ދުވަހު ކަންތައްތައް ހިނގިގޮތް ބައެއް މީހުން ނޫސްވެރިންނަށް ކިޔައިދީފައި ވެއެވެ. އޭގެ ތެރެއިން އެކަކީ އުމުރުން 67 އަހަރުގެ ތަވްފީޤު ބަރްބާޚްއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ އެފަދަ ކަމެއް ދުވަހަކު ވެސް ނުދެކެއެވެ.
" ... އަހަރެންގެ ހަޔާތުގައި (މީގެ ކުރިން) މިފަދަ ކަމެއް ނުދެކެން. އަހަރެންނަކަށް ނޭނގެ ކޮންމެ މިނެޓެއްގެ ތެރޭގައި އަރަމުން ދިޔައީ ކިތައް އުންޑަކަމެއް. ހީވަނީ ނަރަކައިގެ ދޮރުތައް ހުޅުވުނުހެން،" ތަވްފީޤު ބުނެފައި ވެއެވެ.
އެދުވަހަކީ އިސްރާއީލުގެ ހަމަލާތަކުގައި އެންމެ ގިނަ މީހުން އެއްފަހަރާ ޝަހީދުވީ އެއް ދުވަހެވެ. އެގޮތުން 100 އަށް ވުރެ ގިނަމީހުން އެދުވަހު ޝަހީދުވި އެވެ. ރަފަހްގެ މީހުންނަށް އެދުވަހުގެ ހަމަލާތައް ވީ ޝޮކަކަށެވެ. އެހެނީ އެމީހުން ހިތައިގެން ތިބީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުން އައި ކަމަށެވެ.
މީހުންތައް ޝަހީދުވަމުން ދިޔަ މަންޒަރު ލޮލުން ދުށް އެކަކީ ޚަލީލް ބަރްބާޚް އެވެ.
" ... މަރު އަހަރެންގެ ދެލޮލުން އެދުވަހު ދުށިން. މަގުތަކުގައި އޮތީ ފުރާނަނެތް ހަށިތައް. ޒަހަމްވެފައިވާ މީހުން އެހީތެރިކަމަށް އެދި ގޮވަމުން ދިޔަ. އުންޑަތަކުން ސަލާމަތް ވުމަށް މީހުން ދުވަމުން ދިޔަ،" ޚަލީލަށް ފެނުނު މަންޒަރުތައް ކިޔައިދެމުން އޭނާ ބުނެފައި ވެއެވެ.
ރަފަހްގެ އިތުރުން މުޅި ޣައްޒާ ވެސް ވަނީ ވީރާނާ ކަމެއްގައެވެ. ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިސާރުކޮށްފައި ބާއްވައިގެން 2008 ވަނަ އަހަރާއި 2009 ވަނަ އަހަރު އަދި މިފަހަރު ހިންގި އުދުވާންތަކުގެ ސަބަބުންނެވެ. އެވީރާނާކަމުގެ ސަބަބުން 250،000 މީހުން ތިބީ ގެދޮރު ގެއްލި ދިރިއުޅޭނެ ތަނެއް ނެތިއެވެ.
އިސްރާއީލުގެ މިފަހަރުގެ އުދުވާނުގައި ގާތްގަނޑަކަށް 1900 ފަލަސްތީނީން ޝަހީދުވި އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާއްމުންނެވެ. އަދި 400 ކުޑަކުދިންވެސް މިއަދަދުގެ ތެރޭގައި ހިމެނެ އެވެ.