ޕޮލިސީއަށް ގެނައި ބަދަލަކާ ގުޅިގެން ބައުންސް ޗެކް މައްސަލަތައް ނިންމުން އަވަސަވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓަށް ހުށަހެޅޭ، އެކައުންޓުގައި ފައިސާނެތި ޗެކުދޫކޮށް އެޗެކުގައިވާ އަދަދަށް ފައިސާ ނުދެއްކުމުގެ ކުށުގެ މައްސަލަތަކުގެ ޝަރީއަތްހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް ސެންޓެންސިން ޕޮލިސީއެއް އެކުލަވައިލުމުގެ މަސައްކަތް 2009 ވަނައަހަރުގެ އޭޕްރީލް މަހު ފަށައި އާ ޕޮލިސީ ތަންފީޒު ކުރަން ފެށުމުން މައްސަލަތައް ނިންމުން އަވަސްވެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާ ޕޮލިސީއަށް އަމަލުކުރަން ފެށި އިރު ކްރިމިނަލް ކޯޓަށް 100 އަށްވުރެ ގިނަ ޗެކްބައުންސް މައްސަލަ ހުށަހަހަޅާފައި އޮތެވެ.
މި މައްސަލަތަކުގެތެރޭގައި ދެ އަހަރު ވީއިރު އެންމެ އަޑުއެހުމެއް ވެސް ބާއްވާފައިނުވާ މައްސަލަތައް ހުރި ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި 2009 އަހަރުގެ ނިމުނު އިރު އެކިއެކި ސަބަބުތަކާއިހުރެ ނުނިމި ބާކީ 34 މައްސަލަ އޮތެވެ.
މިދިޔަ އަހަރު ނިމުނު އިރު ބައުންސް ޗެކް މައްސަލަތަކުގެ ތެރެއިން ނުނިމި އޮތް ކަމަށް ދައްކަނީ 33 މައްސަލައެވެ. އޭގެތެރެއިން ހަތް މައްސައެއް މިހާރުވަނީ ނިމިފަ އެވެ. ބާކީ ނުނިމި އޮތް 26 މައްސަލައިގެ ތެރެއިން 20 މައްސައެއްގެ ޝަރީއަތް މިހާރުދަނީ ހިގަމުންނެވެ. ހަ މައްސަލައެއްގެ ޝަރީއަތް ވަނީކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އޭގެ ތެރެއިން ފަސް މައްސަލައެއްގެ ދައުވާލިބޭ ފަރާތްތައްވަނީ ރާއްޖެއިން ބޭރުގައެވެ. އަނެއް މައްސަލައިގެ ޝަރީއަތް ފަސްކޮށްފައި ވަނީ ސުޕްރީމް ކޯޓުން އަންގައިގެންނެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތަކާއި ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ދުވަހު ހުށަހެޅުނު ޝަކުވާތަކަށް ބަލާއިރު އެންމެ ގިނައިން ޝަކުވާ ހުށަހެޅިފައިވަނީ މައްސަލަތައް ލަސްވުމާއި ނިންމާ މައްސަލަތަކުގެ ރިޕޯޓުލިބުން ލަސްވާތީ އެވެ.