08 Aug 2014, 10:39
ހުޅަނގު އެފްރިކާގެ ގައުމުތައްކަމުގައިވާ ގިނީ، ސިއެރަލިއޯން، ނައިޖީރިއާ އަދި ލައިބީރިއާގައި ފެތުރެމުންދާ ނުރައްކާތެރި "އެބޯލާ ވައިރަސް" ގެ ބަލި ރާއްޖެއަށް އައުމުގެ ފުރުސަތު ކުޑަކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖެއަށް އެ ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު އަންދާޒާކޮށް، ދިމާވެދާނެ ޞިއްޙީ ނުރައްކަލަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ކަމާބެހޭ މާހިރުން ބައްދަލުކުރައްވާފައި ވާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ބަލި ފެތުރޭ ސަރަޙައްދާއި ބަލި ފެތުރެމުން އަންނަ މިންވަރަށް ރިއާޔަތްކުރުމަށްފަހު ރާއްޖެއަށް ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު އަންދާޒާކުރެވިފައި ވާތީ، މި ބަލި ރާއްޖެ އައުމުގެ ފުރުޞަތު ކުޑަކަމަށް ނިންމާފައި ވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގައި އެބޯލާ ބަލި ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް ކުރެވެން ހުރި ކަންކަމާއި، ބަލި ފެނިއްޖެނަމަ އަމަލުކުރާނެ އުސޫލުތަކާއި، ބަލި ކޮންޓްރޯލްކުރުމަށާއި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ބޭނުންވާނެ މުހިއްމު އާލާތްތަކާއި ވަސީލަތްތައް ހޯދައި، ދުރާލާ ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އަދި މުޙިއްމު މަސައްކަތްތަކާއި ބެހޭގޮތުން ފަންނީ ލަފާ ހޯދިފައިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އޯގަސްޓް 6 ވަނަ ދުވަހާ ހަމައަށް ހުޅަނގު އެފްރިކާގެ ޤައުމުތަކުން މިބަލި ޖެހިފައިވާ 1711 މީހުން ފެނިފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 932 މީހުން ވަނީ މަރުވެފައެވެ. މިއީ 1976ގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނައިން އެބޯލާ ބަލި ފެނުނު ފަހަރެވެ.