ފަސޭހަކަމާއެކު ކްލަބު ޒެފްރޯލް އަތުން މޮޅުވެ، ބައިބަލާގެ ތާރީހުގައި ދިހަ ވަނަ ފަހަރަށް ބީޖީ ސްޕޯޓްސް ކްލަބުން ޗެމްޕިއަންކަން ހޯދައިފި އެވެ.

އެސްޓީއޯ ނޫފަހި ބައިބަލާ މުބާރާތް 1435ގެ ޗެމްޕިއަންކަން ބީޖީ އިން ހޯދީ މިރޭ ކާނިވާ ސަރަހައްދުގެ ހުސްބިމުގައި ކުޅުނު ފައިނަލު މެޗު ސީދާ ދެ ސެޓުން ޒެފްރޯލް އަތުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު 20-3 ޕޮއިންޓުން ބީޖީ ގެންދިޔަ އިރު، ދެވަނަ ސެޓު ނިންމާލީ 5-5 ޕޮއިންޓް އެއްވަރުވެގެންނެވެ. މިއީ ބައިބަލާ މުބާރާތުގައި ބީޖީއިން ބައިވެރިވި 16 ވަނަ ފަހަރެވެ.

ފައިނަލްގައި ބައްދަލު ކުރި ޒެފްރޯލާއި ބީޖީގެ ކުރިމަތިލުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭގެ ފައިނަލް މެޗު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީންގެ އިތުރުން މެޗު ބައްލަވައިލެއްވުމަށްޓަކައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު މަލީހު ޖާމާލާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ދާންދޫ ދާއިރާގެ މެމްބަރު އަދި ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހްމަދު އައްސަދު އަދި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

ފައިނަލް މެޗަށް ފަހު، ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބީޖީއަށް 75،000 ރުފިޔާ އާއި މެޑްލްއާއި ސައުތު ގޭޓް އާއި އެސްޓީއޯއިން ހުށަހެޅި ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް ޔާމީނެވެ.
ފައިނަލްގައި ބައްދަލު ކުރި ޒެފްރޯލާއި ބީޖީގެ ކުރިމަތިލުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަނަރަޕްކަން ހޯދި ޒެފްރޯލްއަށް ފައިސާގެ އިނާމެއްގެ ގޮތުގައި ލިބުނީ 40،000 ރުފިޔާ އެވެ. އެ ފައިސާގެ އިނާމާއި ތައްޓާއި މެޑެލް އާއި ސައުތު ގޭޓް އާއި އެސްޓީއޯއިން ހުށަހެޅި ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަދީބެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މިސްޓާ ބައިބަލާއަށް ހޮވުނީ ބީޖީ ސްޕޯޓްސް ކްލަބުގެ ޖާޒީ ނަންބަރު އެކެއް، ފަރަހް ޝާމެވެ. އޭނާއަށް ލިބުނު 10،000 ރުފިޔާ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ރަނަރަޕް މަގާމު ހޯދި ޒެފްރޯލް އެވެ. ޒެފްރޯލްއަށް ލިބުނު 10،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރު މަލީހު އެވެ. ފެއާ ޕްލޭ ޓީމެއްގެ ގޮތުގައި ހޮވުނު ޒެފްރޯލްއަށް ފައިސާގެ އިނާމުގެ ގޮތުގައި ލިބުނު 10،000 ރުފިޔާ އެ ޓީމުން ހަދިޔާކުރީ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށެވެ.
ފައިނަލްގައި ބައްދަލު ކުރި ޒެފްރޯލާއި ބީޖީގެ ކުރިމަތިލުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާ، އެ ކުޅުންތެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޒެފްރޯލްގެ އަހީ ވިޖްހާނާއި، ހައްހާ ވައިކަންމަތީގެ އަހްމަދު އާޒިމާއި، އީގަލްސް އިން ތްރީޑީގެ މުހައްމަދު ރިލްވާނާއި، ޒެފްރޯލްގެ ހުސައިން ޝިމާޒް އަދި ބީޖީގެ މުހައްމަދު މިދުހަތެވެ. މި ކުޅުންތެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާޒިމް އެވެ.

މި މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ސެޓްފިކްޓް ހަވާލުކުރި އިރު، މުބާރާތުގެ ފަނޑިޔާރުންނަށް ވެސް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިދިޔަ މަހު 29 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ 41 ޓީމު ބައިވެރިވި އެވެ.

ފައިނަލްގައި ބައްދަލު ކުރި ޒެފްރޯލާއި ބީޖީގެ ކުރިމަތިލުމުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ