އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް 100،000 ރުފިޔާގެ އަގުހުރި ޓީޝާޓެއް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލް ބައްލަވައިގެންފި އެވެ.

އެއް ލައްކަ ރުފިޔާގެ ޓީޝާޓް މުހައްމަދު އިސްމާއިލް މިރޭ ބައްލަވައިގަތީ މަޖިލީހުގައި އޭނާ ތަމްސީލު ކުރައްވާ ދާއިރާ، ހޯރަފުށީ ދާއިރާގެ "ހުރިހާ ރައްޔިތުނާއި އެ ދާއިރާއަށް ނިސްބަތްވާ އެމްޑީއޭގެ މެމްބަރުން"ގެ ނަމުގަ އެވެ. ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން މާދަމާ މެންދުރުފަހު ފަށާ ޓެލެތޯންގައި ވިއްކަނީ ޖުމްލަ 15 ޓީޝާޓެވެ. އެއިން ކޮންމެ ޓީޝާޓެއް ވެސް ވިއްކަނީ އެއް ލައްކަ ރުފިޔާއަށެވެ. މިހާތަނަށް ވިކިފައި ވަނީ އޭގެ ތެރެއިން ތިން ޓީޝާޓެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު "ސަން"އަށް މިރޭ ވިދާޅުވީ ޣައްޒާގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމަކީ މުސްލިމް އުންމަތަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެ ފަދަ މުސްލިމް ގައުމަކުން ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ހިންގާ ހަރަކާތްތަކަށް ތައުރީފު ކުރައްވައި މުހައްމަދު އިސްމާއިލް ވިދާޅުވީ މާދަމާ މީޑީއާތަކުން ފަށާ ޓެލެތޯންގައި "ކޮންމެ ދިވެއްސަކު ވެސް ޣައްޒާއަށް އެހީވުމަކީ، ޣައްޒާއަށް ލިބޭނެ އުފާވެރި ކަމެއް" ކަމަށެވެ.

"ވީ މިންވަރަކުން ޣައްޒާއަށް އެހީތެރިވުމަކީ އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން ކޮންމެފަދަ އެހީއެއް ދިނަސް، އުފާވެރިކަން ގެނެސް ދެނީ ޣައްޒާއަށް. މުސްލިމުނަކީ އެކަކު އަނެކަކަށް އަޅާލަން ޖެހޭ ބައެއް. މިއަދު މި ވަނީ ދިވެހިންގެ އެހީތެރިކަން ބަންޑުންކޮށްލަންވީ ދަނޑިވަޅު އައިސް ޖެހިފައި،" ޓެލެތޯންގެ ޓީޝާޓެއް ބައްލަވައިގެން ފުރަތަމަ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ހާލުގައި ޖެހިފައިތިބި ޣައްޒާގެ މުސްލިމުންނަށް އެހީތެރިވުމަށް ރާއްޖޭގެ ހުރިހާ މީޑިއާތަކުން މާދަމާ ފަށާ ޓެލެތޯންއަށް އިޝާރާތް ކުރައްވައި މުހައްމަދު އިސްމާއިލް ވިދާޅުވީ "ތަފާތު" ހަބަރުތައް ގެނެސްދޭ "ތަފާތު" މީޑީއާތަކުން އެއްގަލަކަށް އަރައި މަސައްކަތް ކުރުމަކީ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަށް ދައްކައިދިން ކަމެއް ކަމަށެވެ. އެފަދަ ޓެލެތޯންއެއް ފަށާތީ ރާއްޖޭގެ މީޑިއާތަކުގެ އިސްވެރިންނަށް މުހައްމަދު އިސްމާއިލް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ހެލްޕު ޣައްޒާ ޓެލެތޯން ސްޓީރިއަލް ކޮމިޓީން ބުނީ އެއް ލައްކަ ރުފިޔާއަށް ވިއްކާ 15 ޓީޝާޓުގެ ތެރެއިން މިހާރު ބާކީ ކުރީ 12 ޓީޝާޓު ކަމަށާއި ދެން ހުރި ޓީޝާޓުތައް ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު އެބަ އޮތް ކަމަށެވެ. ޓީޝާޓް ގަނެގެން ޣައްޒާއަށް އެހީވެ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް ހެލްޕް ޣާޒާ ޓެލެތޯނުގެ އޮފީހާ ގުޅައިގެން އެކަން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހެލްޕު ޣައްޒާ ޓެލެތޯން ސްޓީރިއަލް ކޮމިޓީން ބުންޏެވެ.