ދިރާގު ދިވެހި ލީގުގައި ފަހު ވަގުތު އަހްމަދު އިމާޒް (އާއްކޮ) ކާމިޔާބުކުރި ލަނޑުން ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ކްލަބު އީގަލްސް ސަލާމަތްވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ އީގަލްސް އާއި ވިކްޓަރީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. މި މެޗުގައި ވިކްޓަރީއިން ވަރަށް ރަނގަޅަށް އީގަލްސްގެ ކުޅުމަށް ހުރަސް އަޅަމުން ދިޔަ ކަން ފާހަގަކޮށްލެވެ އެވެ.

މެޗުގައި ލަނޑެއް ކާމިޔާބުކޮށް، ލީޑު ނެގުމުގެ ފުރުސަތެއް ފުރަތަމަ ލިބުނީ ވިކްޓަރީ އަށެވެ. މެޗުގެ 15 ވަނަ މިނެޓްގައި ވިކްޓަރީއަށް ލިބުނު މި ފުރުސަތު ލިބުނީ ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ ހާންސް އޭވީ އަވީލޯ އަށެވެ. ނަމަވެސް އަވީލޯ އުފެއްދި ހަމަލާ ދިޔައީ އީގަލްސްގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ ވިކްޓަރީއިންނެވެ. މެޗުގެ 31 ވަނަ މިނެޓްގައި ވިކްޓަރީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ވިކްޓާ ބްރަނިމިރޯވް މަޓީވް އެވެ. ވިކްޓާ އެ ލަނޑު ކާމިޔާބު ކުރީ ހުސައިން ޝިމާޒް (ކޮކީ) ދިން ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު އަދި ދެ ވަނަ ހާފުގައި ވެސް އީގަލްސްއަށް ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެ ފުރުސަތުތަކުގެ ތެރެއިން އީގަލްސްއަށް ކާމިޔާބުކުރެވުނީ މެޗުގެ އިތުރު ވަގުތު ކޮޅު ތެރޭގައި ލިބުނު ފުރުސަތެވެ. އެ ލަނޑު ކާމިޔާބުކޮށް، އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިން އާއްކޮ އަކީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ކުޅުންތެރިއެކެވެ.

ދެވަނަ ބުރުގެ ދެވަނަ މެޗުގައި ނުކުތް ނަތީޖާގެ ސަބަބުން ލީގުގެ ޕޮއިންޓް ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަށް މެޗުން ލިބުނު 21 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު އަށް މެޗުން ލިބުނު 19 ޕޮއިންޓާއެކު ދެ ވަނައިގައި އޮތީ މާޒިޔާ އެވެ. އަށް މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. އަށް މެޗު ކުޅެ ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ހަތް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ. ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ހަތް މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ލީގުގައި މާދަމާ ވެސް ދެ މެޗު ކުރިއަށް ދާނެ އެވެ. މާދަމާ ހަވީރު 4:00 ގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ އެވެ. އަދި މާދަމާ ރޭ 9:00 ކުޅޭ މެޗުގައި ބައްދަލުކުރާނީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި ބީޖީ ސްޕޯޓްސް ކްލަބެވެ.