މޫނު ނިވާކޮށްގެން ތިބި ބަޔަކު ލ. ގަމު ދުނޑީ އަވަށުގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މަރާމާރީގައި ޒަހަމްވެފައި ވަނީ އުމުރުން 22 އަހަރުގެ އަލީ ހަސީބެވެ. އޭނާއަށް ހަމަލާދީފައި ވަނީ ގަމު ދުނޑީ ގްރެވިޓީ ޕެޓްރޯލް ޝެޑުގައި އިންދަ އެވެ. ގްރެވިޓީ ޕެޓްރޯލް ޝެޑުގައި ވަޒީފާ އަދާ ކުރާ ހަސީބަށް ދިން ހަމަލާގައި އޭނާގެ ބޮލަށް ގެއްލުންތަކެއް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގަމުން ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ ހަސީބަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުން ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މާރާމާރީ ހިންގި މީހުން ގަމު ޕެޓްރޯލް ޝެޑުން ފައިސާތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން ވަގަށް ގެންދިޔަ ފައިސާތަކުގެ ތަފްސީލެއް ނޭނގޭ ކަމަށް ފުލުހުން ބުންޏެވެ.

ރޯދަ މަސް ނިމުނު ފަހުން މާލެ އާއި އަތޮޅުތަކުގައި ވަނީ މާރާމާރީ އިތުރުވެފަ އެވެ. އެގޮތުން ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މާރާމާރީތަކުގައި މިހާތަނަށް ޒަހަމްވި މީހުންގެ އަދަދު 10 އަށް އަރަ އެވެ. މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ ހަށިގަނޑުގެ 11 ތަނަކަށް ވަޅި ހަރައި ވަނީ މަރާލާފަ އެވެ. އަދި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތު ތުލުސްދޫގައި ވަނީ މީހެއްގެ މެޔަށް ވަޅި ހަރައި މަރާލާފަ އެވެ.