ޖުމްލަ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން ދިނުމަށް ހަމަޖައްސާފައިވާ ނަޒާހާތްތެރިކަމުގެ ގައުމީ އިނާމު އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން އިފްތިތާހުކޮށްފި އެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ އިނާމު އިފްތިތާހު ކުރުމަށް މިރޭ ކުއްލިއްުޔާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިނާމް އިފްތިތާހު ކޮށްދެއްވީ އެންޓި ކޮރަޕްސަންސް ކޮމިޝަންގެ ބޯޑުގެ ކޮމިޝަނަރު އަބްދުﷲ ފާރޫގް ހަސަން އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިރޭ ދެއްކެވި ވާހަކަފުޅުގައި ކޮަރަޕްޝަން ހުއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްކެވި ވާހަކަފުޅުގައި ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަން ފާހަަގަކުރެއްވި އެވެ. ކޮރަޕްޝަން ހުއްޓުވުމަށް ބާރު އެޅުމުގެ ގޮތުން ކުރާ މަސައްކަތެއްގެ ގޮތުގައި އިފްތިތާހު ކުރި ނަޒާހަތްތެރިކަމުގެ އިނާމް ދިނުމުގެ ކަންކަން އަންނަ ސެޕްޓެމްބަރުގައި އެ ކޮމިޝަންގެ ދައުރު ހަމަވި ނަމަވެސް ދެން އަންނަ ކޮމިޝަނަކުން ވެސް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ އިނާމް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ އަމިއްލަ ފަރުދުންނާއި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކަށެވެ. މިއިން ކޮންމެ ކެޓަގަރީއަަކަށް ވެސް ދިނުމަށް ހަމަޖައްސާފައިވަނީ އެންމެ އިނާމެކެވެ. ނަޒާހަތްތެރިކަމުގެ ގައުމީ އިނާމަށް އެދި ހުށަހަޅަން ޖެހެނީ އެ ކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް މެދުވެރިކޮށެވެ. މި އިނާމަކީ ދެ އަހަރުން އެއް އަހަރު ދިނުމަށް ހަމަޖައްސާފައިވާ އިނާމެއް ކަމަށް އޭސީސީން ބުންޏެވެ.

އިނާމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މާދަމާ އިން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ 2:00 އާ ހަމަައަށް ވަނީ ހުޅުވާލައިފަ އެވެ.

އެންޓި ކޮަރަޕްޝަންސް ކޮމިޝަނުން ބުނީ މިފަދަ އިނާމެއް ދިނުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކޮރަޕްޝަން ހުއްޓުވުމަށް ހިތްވަރުދިނުމާއި ކޮރަަޕްޝަންގެ އަމަލްތަކަށް ފާރަވެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމާއި ކޮރަޕްޝަންގެ އަމަލްތކުން ދިވެހި ގައުމު ސަލާމަތް ކުރުމަށް މަސައްކަތްކުރާނެ ދިވެހި ދަރިންތަކެއް މުޖުތަމައުގައި އިތުރުކުރުމަށް ބާރުއެޅުމާއި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތް ކުރަން ބާރުއެޅުމުގެ އިތުރުން ދިވެހި ހިތްތަކުގައި ނަޒާހަތްތެރިކަމަށް އޮންނަ ލޯބި އިިތުރުކުރުން ކަމަށެވެ.

ނަޒާހަތްތެރިކަމުގެ ގައުމީ އިނާމު ދިނުމުގެ ކަންކަން ކުރުމަށް އެ ކޮޝަނުން ވަނީ ފަސް ދާއިރާއެއް ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

މިރޭގެ އެ ހަފްލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން ބޯޑުގަ އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ހިދުމަތް ފާހަގަކޮށް 21 ފަރާތަކަށް ވަނީ ހަނދާނީ ފިލާއެއް ހަދިޔާކޮށްފަ އެވެ.