07 Aug 2014, 22:20
މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އާ ގުޅިގެން މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް އިން "ރެޑްބުލް ބޯތު ވޭސް"ގެ ނަމުގައި ރާޅާއެޅުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.
ރެޑްބުލްއިން ބުނީ، މިމަހުގެ 20 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ އެމުބާރާތުގައި ސްރީލަންކާ 10 ރާޅާއެޅުންތެރިން ވެސް ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އަދި ލަންކާގެ އެންމެ ހުނަރުވެރި ރާޅާއެޅުންތެރިންނާ ވާދަކޮށްލުމުގެ ފުރުސަތު މި މުބާރާތުގައި ބައިވެރިވާ ދިވެހި ރާޅާއެޅުންތެރިންނަށް ލިބިގެންދާނެ ކަމަށް ރެޑްބުލްއިން މައުލޫމާތު ދެ އެވެ.
ރެޑްބުލްއިން ބުނީ، މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި އެންމެ މަގްބޫލު އަދި ހިތްގައިމު ދެ ރާޅާ އަޅާ ދެ ޕޮއިންޓް ކަމަށްވާ ކ.ތަނބުރުދޫގައި ކައިރީގައި އޮންނަ ސަލްޓަންސް އަދި ހޮންކީސް ސާފިން ޕޮއިންޓްގަ އެވެ.
ރެޑްބުލް ބޯތު ވޭސް މުބާރާތުގައި ރާޅާއެޅުންތެރިންނަށް ކަނާތަށް ބިންދާލާ ރާޅުތަކާއި ވާތަށް ބިންދާލާ ރާޅަށް ވެސް ކުރިމަތިލާންޖެހެ އެވެ. އާންމުކޮށް ކޮންމެ ރާޅާއެޅުންތެރިއެއް ވެސް ބޮޑަށް ފަރިތަވާނީ ކޮންމެ ވެސް އެއް ފަރާތަކަށް ބިންދާލާ ރާޅުތަކަށެވެ. ދެ ފަރާތަށް ބިންދާލާ ރާޅުތަކަށް ފަރިތަވާނީ ވަރަށް މަދު ރާޅައެޅުންތެރިންނެވެ. އެހެންކަމުން މި މުބާރާތުގެ އެއްވަނަ ލިބޭނ އެންމެ "ބެލެންސްޑް" ރާޅާއެޅުންތެރިއަކަށެވެ.
"ވަރަށް އުފާކުރަން ރެޑްބުލް ކަހަލަ އިންޓަނޭޝަނަލް ބްރޭންޑްތަކުން ރާއްޖޭގެ ސާފިން ކުރިއަރުވައި، ރާއްޖޭގެ ރާޅާއެޅުންތެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދޭތީ،" އެމްއެސްއޭގެ ރައީސް އަހުމަދު އަޒްނީލް (އަޖޭ) ވިދާޅުވި އެވެ. "އާންމުކޮށް ރާޅާއެޅުންތެރިންނަށް މި ވާދަކޮށްލެވެނީ މާލޭގައި މި ބާއްވާ މުބާރާތްތަކުގައި. މި މުބާރާތް ރާއްޖޭގެ އެންމެ ރަނގަޅު ދެ ސާފް ބްރޭކްގައި ބޭއްވުމަކީ ރާޅާއެޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ރާޅާއެޅުންތެރިން ތިބީ މި މުބާރާތް ކެތްމަދުވެފައި"
ރެޑްބުލްއިން ބުނީ މުބާރާތުގައި ރާއްޖޭގެ 50 ރާޅާއެޅުންތެރިއަކަށް ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.