07 Aug 2014, 21:51
އާޖެންޓީނާގެ ކޯޗުކަމުގެ މަގާމަށް ބާސެލޯނާގެ ކުރީގެ ކޯޗު ޖެރާޑޯ މާޓީނޯ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ސީޒަނަށް ފަހު، މާޓީނޯ ބާސާ ދޫކޮށްލީ އެ ޓީމަށް އެއްވެސް ތައްޓެއް ނުލިބި، ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ. ބާސާއިން 2007 ވަނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގުގައި ދަމަހައްޓަމުން ދިޔަ ރެކޯޑު ގެއްލިގެން ދިޔައީ ވެސް މާޓީނޯގެ ކޯޗުކަމުގަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން އާންމުކޮށް ފެންނަމުންދާ ބާސާ މިދިޔަ ސީޒަނުގައި އެ މުބާރާތުން ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލާ ހަމައިންނެވެ.
އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)ގެ ޖެނެރަލް ސެކްރެޓަރީ މިގެލް ސިލްވާ ވިދާޅުވީ، އާޖެންޓީނާގެ ކޯޗަކަށް މާޓީނޯ ހަމަޖެއްސިކަން އިއުލާން ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް މިހާރު ކުރިއަށްދާ ކަމަށެވެ.
"ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ތިބި ކެންޑިޑޭޓުންގެ ތެރޭގައި މާޓީނޯއަކީ އެންމެ ކުރީގައި އޮތް ކެންޑިޑޭޓް. އިގްތިސާދީ މައްސަލަތަކާ މެދު އަހަރެމެންނަށް އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ ނަމަ، ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް މާޓީނޯ ހަމަޖައްސާނަން،" އޭނާ ވިދާޅުވި އެވެ. "މިހާރު އަހަރެމެން މަޝްވަރާ ކުރަމުން މިދަނީ ކޯޗުކަމުގައި ބަހައްޓާނީ މާޓީނޯތޯ ނުވަތަ ނޫންތޯ."
އާޖެންޓީނާގެ ކުރީގެ ކޯޗު އެލެޖެންޑްރޯ ސަބެއްލާ، އެ ޓީމުގެ ކޯޗުކަމުން ދުރުވީ މިދިޔަ މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުގައި ޖަރުމަން އަތުން ލިބުނު ހިތްދަތި ނާކާމިޔާބީއާ ގުޅިގެންނެވެ.