ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދަވާ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަހުމަދު ތާރިގު (ޓޮމް) ރާއްޖޭގެ އެންމެ ބޮޑު ފުޑްބޯޅަ ލީގު، ދިރާގު ދިވެހި ލީގުގައި ކުޅުއްވަން ފައްޓަވައިފި އެވެ.

މިއީ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ފުޓްބޯޅައިގެ ބޮޑު މުބާރާތެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމަކަށް މަޖިލިސް މެމްބަރަކު ކުޅުއްވާ ފުރަތަމަ ފަހަރު ވެސްމެ އެވެ.

އޯގަސްޓް 7، 2014: މާޒިޔާއާ ދެކޮޅަށް ނިއު ކުޅުނު މެޗުގައި ތާރިގު ކުޅުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސީޒަންގައި ވެސް ނިއުއަށް ކުޅުއްވަމުން ގެންދެވި ޓޮމް، މަޖިލީހުގެ އިންތިހާބަށް ވާދަ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ގައުމީ ޓީމަށް ކުޅުއްވުން ހުއްޓަވާލައްވާފަ އެވެ. އަދި އޭގެ ފަހުން ފުޓްބޯޅައިގެ ދަނޑުން ދުރަށް ޖެހިވަޑައިގެން ސިޔާސީ ދަނޑުގައި ކުޅުއްވައި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. މަޖިލީހުގެ ގޮނޑި ކާމިޔާބުވުމާއެކު ޓޮމް ވަނީ ސަރުކާރު ހިންގާ ޕީޕީއެމަށް ގުޅިވަޑައިގެންފަ އެވެ.

އެއް އަހަރަށް ވުރެ ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނެވުމަށްފަހު މިއަހަރުގެ ދިވެހި ލީގުގައި ދެ ވަނަ ބުރުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޓޮމް ކުޅުއްވަން ނުކުންނެވީ މެޗުގެ 81 ވަނަ މިނެޓްގަ އެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ނިއު ކުޅެ، 1-0 އިން މޮޅުވި މެޗުގައި ޓޮކް ކުޅުއްވަން ނުކުންނެވީ އެ ޓީގެ ބިދޭސީ ފޯވާޑް ޑޭވިޑް ބޭލުމަށްފަހު އެވެ.
އޯގަސްޓް 7، 2014: މާޒިޔާއާ ދެކޮޅަށް ނިއު ކުޅުނު މެޗަށް ތާރިގު ކުޅުއްވަން ފެއްޓެވުމުގެ ކުރިން ފަރިތަކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުގެ މެޗުގައި މާޒިޔާ ކޮޅަށް ނިއުއިން ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ޑިފެންޑަރު ޑޭން މިލޮވަނޮވިޗެވެ. އެ ލަނޑަކީ ނިއުއަށް ލިބުނު ޕެނަލްޓީއަކުން އޭނަ ކާމިޔާބު ކުރި ލަނޑެކެވެ.

ޓޮމް ފުޓްބޯޅައިގެ ކެރިއަރު ފެއްޓެވީ 2002 ވަނަ އަހަރު ނިއުރޭޑިއަންޓުންނެވެ. އަދި އޭނގެ ފަހުން ޓޮމް ވަނީ ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީއަށް ވެސް ކުޅުއްވާފަ އެވެ.