ބިޔުނެސްއައިރިސް : އާޖެންޓީނާގެ ރައީސާ ކްރިސްޓީނާ ފަރްނާންޑީޒް، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް ކުރައްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއްގެ ޚަރަދަށް ނަގާފައިވާ އެތައްހާސް ޑޮލަރެއްގެ ނަގުދު ފައިސާ، ވަގަށް ނަގައިފިއެވެ.

ވަގަށްނެގި މިފައިސާތަކަކީ ރައީސާ ކްރިސްޓީނާގެ އަރިހުގައި މެދުއިރުމައްޗަށް ވަޑައިގަންނަވާ އާރޖެންޓީނާގެ ރަސްމީ ވަފުދުގެ ބޭފުޅުންގެ ދަތުރު ޚަރަދަށް އެޤައުމުގެ ފިނޭންސް މިނިސްޓްރީން ޕެޓީ ކޭޝްގެ ގޮތުގައި ނެގި 90 ހާސް އެމެރިކާ ޑޮލަރެވެ. މީގެތެރޭގައި ހިމެނެނީ 68 ހާސް އެމެރިކާ ޑޮލަރާއި 17 ހާސް ޔޫރޯއެވެ.

މިފައިސާ ވަގަށްނެގީ ވެރިރަށް ބިޔުނެސްއައިރިސް ގައި ޙަރަކާތްތެރިވާ ވަގުންގެ ގްރޫޕްތަކުގެ ތެރެއިން ގުރޫޕަކުންނެވެ. މިފައިސާ ފިނޭންސް މިނިސްޓްރީން ނަގައިގެން ދަބަހަކަށް އަޅައިގެން ކާރުގައި ދިޔައީ ރިޔާސީ ގަނޑުވަރުގެ މުވައްޒަފެކެވެ. މިމުވައްޒަފު ކާރުގައިގޮސް މަޑުކުރީ އޭނާގެ ގޭކައިރިއަށެވެ. ގޭކައިރިއަށް މަޑުކުރުމަށްފަހު ފައިސާ ދަބަހާއެކު މިމުވައްޒަފު، ކާރުން ފޭބިވަގުތު، ވަގުންގެ ތިންމީހަކު އޭނާގެ ކުރިމައްޗަށްއަރައި ހަތިޔާރުން ބިރުދައްކައިގެން ފައިސާ ދަބަސް ފޭރިގަތުމަށްފަހު ސައިކަލްތަކެއްގައި ފިލީ ކަމަށް އާޖެންޓީނާގެ މީޑިޔާ ބުނެއެވެ.
ވައްކަމުގެ މިޙާދިޘާ ހިނގީ މިދިޔަ ބުދަދުވަހުއެވެ. ފުލުހުން މިހާރު ގެންދަނީ މިޙާދިޘާ ތަޙްޤީޤް ކުރަމުންނެވެ.

މިޙާދިޘާގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މިހާގިނަ ޢަދަދެއްގެ ނަގުދު ފައިސާ (ޕެޓީ ކޭޝް) ހިފައިގެން ރިޔާސީ މުވައްޒަފު ކާރުގައި އޭނާގެ ގެއަށްދިޔުމާއި ކަނޑައެޅިފައިވާ ވަގުތަށްވުރެކުރިން މިފައިސާ ނަގާފައިވުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އާރޖެންޓީނާގެ ރައީސާ ކްރިސްޓީނާ ފަރްނާންޑީޒް އަންނަ ހަފްތާގައި މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ތުރުކީ. ކުވައިތު އަދި ޤަތަރަށެވެ. ނަމަވެސް މިސްރުގެ އާޘާރީ ތަންތަން ބައްލަވާލެއްވުމަށްޓަކައި ނުރަސްމީގޮތެއްގައި މިސްރަށް ވަޑައިގަތުންވެސް ކްރިސްޓީނާގެ މިދަތުރުފުޅުގައި ހިމެނޭ ކަމަށް ޚަބަރުލިބެއެވެ.