07 Aug 2014, 19:47
މެޗުގެ 30 ވަނަ މިނެޓުގައި މާޒިޔާ ކޮޅަށް ނިއުއިން ޖެހި ޕެނަލްޓީ ކާމިޔާބުކޮށް، 1-0 ލަނޑުން މޮޅުވެ، ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުން ނިއުރޭޑިއަންޓް މޮޅުވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއުއަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ އޮސްޓްރޭލިއާގެ ކުޅުންތެރިޔާ ޑޭން މިލޮވަނޮވިޗް އެވެ. އެ ޕެނަލްޓީއަކީ މާޒިޔާގެ ޑިފެންޑަރު އިސްމާއިލް ފަރުހާދު ނިއުގެ ސްޕެއިން ފޯވާޑް ޑޭވިޑްއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޖުމްލަ ހަތް ރީދޫ ކާޑާއި ދެ ރަތް ކާޑު ފެނިގެން ދިޔަ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު ދެ ޓީމަށް ވެސް ގޯލް ޖަހާނެ ރަނަގަޅު ދެ ފުރުސަތެއް ވަނީ ލިބި ބޭކާރުވެފަ އެވެ. އެގޮތުން ނިއުގެ ފޯވާޑް ޑޭވިޑާއި މުހައްމަދު އުމައިރަށް ލިބުނު ފުރުސުތުތައް ފަހަގަ ކޮށްލެވެ އެވެ. ނަމަވެސް އެދެކުޅުންތެރިން މާޒިޔާގެ ގޯލަށް އަމާޒްކޮށް ފޮނުވާލި ބާރު ދެ ހަމަލަ ވެސް ދިޔައީ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އަދި މާޒިޔާގެ ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) އާއި ބިދޭސީ ފޯވާޑް އަބޫ ވެސް މެޗުގެ ފުރަތަމަ ހާފް ނިއުގެ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އެއް އަރިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި މާޒިޔާއިން ވަނީ އެ ޓީމްގެ އެޓޭކިން ވަރުގަދަކޮށް ނިއުގެ ގޯލަށް ނުރައްކާތަކެއް ކޮށްފައެެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ނިއުގެ މުހައްމަދު ރަޝީދު ބޯޅަ ނެތި މާޒިޔާގެ ނާއްޓޭއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ ރަތްކާޑު ދައްކައި އޭނާ ދަނޑުން ފޮނުވާލާފަ އެވެ. މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު ނިއު ކުޅެންޖެހުމުން އެ ޓީމުގެ ޑިފެންސްލައިނަށް ބާރު ބޮޑުވެގެން ދިޔަ އެވެ. ހަމަ އެޔާއެކު ދެ ރީނދޫ ކާޑު ދެއްކުމާއި ގުޅިގެން ނިއުގެ ސަންވީލް ގާސިމް ބޮންޑާވެސް ރެފްރީ ވަނީ މިއަދު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރަތް ކާޑު ދައްކައި ދަނޑު ފޮނުވާލައިފައެވެ. ނަމަވެސް ނުވަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ނިއުއަށް، ބޮޑު އުދަގޫ ތަކަކާއި ކުރިމަތި ލާންޖެހުނީ އެންމެ ފަހު ދެ މިނެޓުގެ ތެރޭގަ އެވެ. އެ ވަގުތު މާޒިޔާއިން ނިއުގެ ގޯލަށް ކުރަމުންއައި ޕްރެޝަރު ބޮޑުވެ، މެޗު ހޫން\ުވެގެން ދިޔަ އެވެ.
ލީގްގެ ފުރަތަމަ ބުރުގައި ނިއު މާޒިޔާ އާ ދެކޮޅަށް ކުޅުނު މެޗުން ނިއު ވަނީ 1-0 ލަނޑުން މަޒިޔާއަތުން ބަލިވެފަ އެވެ.
މިއަދުގެ މެޗުން މޮޅުވުމުން ނިއު ވަނީ އަނެއްކާ ވެސް ލީގުގެ އެއްވަނައަށް ޖެހިލާފަ އެވެ. މިވަގުތު ނިއު ލީގްގެ އެއް ވަނަ މަގާމުގައި އޮތީ 21 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވީ މާޒިޔާ އޮތީ ނިއުއަށް ވުރެ ދެ ޕޮއިންޓް މަދުން ލިބި، ލީގްގެ ދެ ވަނަ މަގާމްގަ އެވެ.
މިއަދުގެ މެޗުގައި މާޒިޔާގެ ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކިއިރު، ނިއުގެ ފަސް ކުޅުންތެރިއަކަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ.
މެޗަށްފަހު ނިއުގެ އާ ކޯޗް މިކާ ލޮންސްޓްރިމް ބުނީ އޭނާގެ ކޯޗު ކަމުގައި ނިއު ކުޅުނު ފުރަތަމަ މެޗާ އަޅައި ބަލާއިރު، ޓީމު ދެއްކި ކުޅުމާއި ހޯދި ކާމިޔާބީއާ މެދު ހިތް ހަމަޖެހޭ ކަމަށެވެ. މެޗުން ބަލިވި މާޒިޔާގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި މެޗް ނިމެން ދަނިކޮށް ޓީމްގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުން ޓީމަށް އޭނގެ އަސަރު ކުރި ކަމަށް ވެސް މިކާ ބުންޏެވެ. މިއީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއަށް ގެނައި ހަތަރު ވަނަ ކޯޗެވެ.
މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ، ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބުުނު ކަމަށާއި އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން ކުޅުންތެރިންނަށް ހިފިފައި ނުވާ ކަމަށެވެ. އަދި މެޗުގައި ނިއުއަށް ރެފްރީ ދިން ޕެނަލްޓީއަކީ ގިނަ ރެފްރީންގެ ނަޒަރުގައި ޕެނަލްޓީއަކަށް ނުވެ ހިނގައި ދާނެ ކަމަށާއި އެހެން ނަމަވެސް ރެފްރީގެ ނިންމުތަކަށް ފާޑުކިޔަން ބޭނުން ނުވަނީ "ރާއްޖޭގެ ރެފްރީން ގަންނާނެ ފެންވަރު އެއްވެސް ކްލަބެއް މިވަގުތު ރާއްޖޭގައި ނެތުމުން" ކަމަށް ވެސް ސުޒޭން ބުންޏެވެ.
ދިރާގު ދިވެހި ލީގްގެ ދެވަނަ ބުރުގެ ދެ ވަނަ މެޗުގައި މިރޭ 9:00 ގައި ބައްދަލުކުރާ ދެ ޓީމަކީ ކުލަބް އީގަލްސް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ލީގުގެ ފުރަތަމަ ބުރުގައި އެ ދެ ޓީމު ބައްދަލުކުރި މެޗް 3-2 ލަނޑުން ކާމިޔާބު ކުރީ އީގަލްސް އެވެ.