މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ދައުރު ހަމަވެފައިވާތީ، އެ ކައުންސިލަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 24 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ މީީޑިއާ ކައުންސިލަށް އިންތިހާބު ކުރާ އާންމުންގެ ހަތް މެމްބަރުންގެ ގޮނޑިއަށް 12 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެ ކައުންސިލަށް އިންތިހާބު ކުރާ މީޑިއާތަކުގެ އަށް މެމްބަރުންގެ ގޮނޑިއަށް ވެސް 12 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

އެމްއެމްސީގެ 15 މެމްބަރުންގެ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށްޓަކައި ހޯމް މިނިސްޓްރީން ވަނީ ކޮމެޓީއެއް އެކުލަވާލާފަ އެވެ. އެ ކޮމެޓީން މިހާރު ނިންމާފައި ވަނީ މީޑިއާ ކައުންސިލަށް ކުރިމަތިލި 24 މީހުންގެ ކުށުގެ ރެކޯޑު ސާފު ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ތަޒްމީލް ވިދާޅުވި ގޮތުގައި އެމްއެމްސީ އަށް ކުރިމަތިލި ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފު ކުރުމަށްފަހު، ވަރަށް އަވަހަށް އިންތިހާބު ބާއްވާނެ ކަމަށެވެ. އަދި އެމްއެމްސީގެ އިންތިހާބުގައި ވޯޓުލާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދޭނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"މި މަހުގެ ތެރޭގައި އިންތިހާބު ބާއްވައި ނިންމާނަން. އިންތިހާބު ބޭއްވުމުގެ ތިން ދުވަސް ކުރިން އަޅުގަނޑުމެން ހުޅުވާލާނަން ވޯޓުލާން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު،" ތަޒްމީލް ވިދާޅުވި އެވެ.

މީޑީއާ ކައުންސިލްގެ މިފަހަރުގެ އިންތިހާބުގައި ވޯޓުލާ މީޑިއާތަކުގެ ޕްރޮކްސީ ހޯމް މިނިސްޓްރީއަކުން ގަބޫލެއް ނުކުރެ އެވެ. ވޯޓުލުމަށްޓަކައި ދާންޖެހޭނީ މީޑިއާތަކުގެ ބޭފުޅުންނެވެ.