07 Aug 2014, 16:24
މި އަހަރުގެ ދެވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހިންގުމުގެ ފައިދާގެ ގޮތުގައި 353 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ބޭންކަށް ފައިދާގެ ގޮތުގައި 353 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހާ އަޅާބަލާއިރު 65 އިން ސައްތައިގެ ކުރިއެރުމެއް ކަމަށެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 57 މިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އެއީީ 19 އިން ސައްތައިގެ ކުރިއެރުމެކެވެ.
"ލިބޭ އާމްދަނީއާ އަޅާބަލާއިރު ކުންފުނީގެ ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓިފައި،" ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، އެ ބޭންކުގެ އަމާޒު ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށާއި އެ ބޭންކުގެ ސްޓްރެޓެޖީގައިވާ ތިން ތަނބުކަމަށްވާ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާކުރުމާއި ކަސްޓަމަރ ސާވިސް ރަނގަޅުކުރުމާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރެވޭ ފަދަ ހަރުދަނާ ބިންގަލެއް އެޅުމަށް މަސައްކަތްކުރަމުން ދާ ކަމަށެވެ.
ބީއެމްއެލްއިން މިހާރު ދަނީ އެ ބޭންކުގެ ހިދުމަތްތައް ރަނގަޅު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެ ބޭންކުން މިހާރު ވަނީ އާ ސިސްޓަމަކަށް އެ ބޭންކުގެ ހިދުމަތްތައް ބަދަލު ވެސް ކޮށްފައެވެ.