07 Aug 2014, 16:14
ރާއްޖޭގައި ތެޔޮހުރިތޯ ބެލުމަށް ކުރާ ދިރާސާގެ ފުރަތަމަ މަސައްކަތްތައް އަންނަ ހޮނިހިދު ދުވަހު ފަށަން ޖަރުމަނުގެ ސައިންސްވެރިން ތައްޔާރުވަމުން އެބަދެއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ގޮތުން ކުރާ ދިރާސާއެއް ކުރުމަށް ރާއްޖެ އައިސް ތިބި ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހަމްބާގްގެ ސައިންސްވެރިން މިހާރު ތިބީ އެކަމަށް ބޭނުންވާ ތަކެއްޗާއި އެކު ރާއްޖޭގައެވެ.
ދިރާސާ ކުރާ އުޅަނދު ސޮންނޭ މިއަދު ހެނދުނު ރާއްޖެއަށް އައި އިރު އެއުޅަނދުގައި 25 ސައިންޓިސްޓުން އެބަ ތިއްބެވެ. އަދި އިތުރު ސައިންޓިސްޓަކު މާދަމާ އަންނާނެ ކަމަށް ދިރާސާގައި އިސްކޮށް އުޅުއްވާ ޕްރޮފެސަރު ފްރިސަން ބެޗްލާ ވިދާޅުވި އެވެ.
އުޅަނދުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ދިވެހި ސަރުކާރުން އެދިފައިވާ ދިރާސާގައި ފުރަތަމަ ބަލާނީ ތ. އަތޮޅާއި ލ. އަތޮޅާއި ދިމާ ބޭރު ކަނޑު ކަމަށެވެ.
"... ރާއްޖޭގެ އެތެރެ ކަނޑުގައި މިބޭފުޅުން މި ބޭނުންވެލައްވާ ދިރާސާގެ އިތުރަށް އަތޮޅުގެ ބޭރަށް މިބަލާ ބެލުންތަކުން ތެޔޮ ނުވަތަ ގޭސް ނޫނީ ހައިޑްރޯކާބަން ހުރިކަމަށް ލަފާކުރެވޭ ސަރަހައްދެއްގައި އަޅުގަނޑުމެންނަށް އެކްސްޕްލޮރޭޝަން (އިތުރަށް ބަލައި ދިރާސާ ކުރުމަށް) ލައިނެއް އަޅައި ދިނުމަށް. އެގޮތުން ގާތްގަނޑަކަށް ލ. އަތޮޅާއި ތ. އަތޮޅާ ދޭތެރޭ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 100 މޭލެއްހާ ބޭރުގައި އޮތް ރިޖެއްގައި މިފަހަރު މިބޭފުޅުން ސާމްޕަލް ނަގާނީ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު އަދި ވިދާޅުވީ އެ ސާމްޕަލް ނެގުމަށް ފަހު ބަލަން ޖެހޭ ކަންތައްތައް ބަލައި، ލިބޭ މައުލޫމާތު އަންނަ އަހަރުގެ އޮގަސްޓްމަހު ދިވެހި ސަރުކާރާ ހިއްސާކުރާނެ ކަމަށެވެ.
ޖަރުމަނުގެ ސައިންސްވެރިން ރާއްޖެ އައީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ދިރާސާއެއް ކުރުމަށެވެ. އަދި ތެޔޮ ހުރިތޯ ބެލުމަށް ދިރާސާ ކުރާނެ ސާމްޕަލް ނަގައި ދިނުމަށް އެ ބޭފުޅުން އެއްބަސްވީ ސަރުކާރުން އެކަމަށް އެދިގެންނެވެ. އެހެންވެ އެކަމަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް މިނިސްޓަރް ވިދާޅުވި އެވެ.
"... ރައީސް ޔާމީނު ވަނީ ރާއްޖޭގައި ތެޔޮހުރިތޯ ބެލުމަށް މަސައްކަތް ކުރައްވަން އެ މަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައި. ދެން އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން ދިޔަ ދަނޑިވަޅެއްގައި މި ބޭފުޅުން ވަޑައިގަންނަވާނެކަން އަޅުގަނޑުމެންނަށް އެނގުމާ އެއްކޮށް އަޅުގަނޑުމެން ނެގޯޝިއޭޓްކުރަން ފެށީ މީގެ ތެރެއިން ތެލާބެހޭ ބައެއް ކަންތައްތައް ކުރުމުގައި އެހީތެރިވެވިދާނެތޯ،" މިނިސްޓަރް ވިދާޅުވި އެވެ.