14 Jan 2011, 18:44
ޑިމޮކްރަސީއަކީ އެހެން މީހުންގެ އިހުސާސްތަކާއި ފިކުރަށް ފައިން އެރުން ކަމަށް ވަންޏާ، ޑިމޮކްރަސީއާއެކު އުޅެން ބެނުންވާ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރައާ މަލާމާތް ކުރަންވީ އެވެ. އެއަކު މައްސަލައެއް ނެތެވެ. އެކަމަކު ޑިމޮކްރަސީއަކީ އެހެން މީހުންގެ ފިކުރާއި ހިޔާލަށް ތަންދޭ އުސޫލުތަކެއް ކަމަށް ވަންޏާ އިންތިހާބެއްގެ ކެމްޕޭންތައް ކުރުމުގައި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރަންޖެހޭނެއޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ.
***
ކުރިޔަށް އޮތީ ރާއްޖެ އަދި ނުދެކޭވަރުގެ ބޮޑު އިންތިހާބެއް ކަމަށް ބުނެވިދާނެ އެވެ. އިންތިހާބުގެ ގޮތާއި ބާވަތުންނެވެ. ރޭވިފައިވެސް އޮތް ގޮތުންނެވެ. އެ އިންތިހާބުގައި ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ އެތައް ސަތޭކަ ބޭފުޅުންނެއް އެބަތިއްބެވި އެވެ. ތަފާތު ގިންތީގެ ބޭފުޅުންނެވެ. ސިޔާސީ ގޮތުން ތަފާތު ކުލަޖެހިގެނެވެ. އެ ހުރިހާ ބޭފުޅުންގެ ކެމްޕޭންތައް މިހާރު ވަނީ ވާދަވެރިކަމާއެކު ފެށިފަ އެވެ. ކެމްޕޭންގެ ފޯރި އަދި ކުރިޔަށް އޮތީ އެވެ. އެހެންނަމަވެސް މިހާރު ވެސް އެއްކަމެއް ޔަގީންވެއްޖެ އެވެ. ކެމްޕޭންގެ ހުރިހާ ދިމާއަކުން އެއް ބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަކޮށް ހުތުރު ބަސްތަކުން ހަމަލާ ދޭން ފަށައިފައިވާކަމެވެ.
ޒަމާނީ ޑިމޮކްރަސީގެ މަގުގައި ރާއްޖެ ފައްކާ ވަމުންދާކަމަށް ސިޔާސީ ބޭފުޅުންގެ ތަގުރީރުތަކުގައި އަބަދުވެސް ވިދާޅުވަމުން ގެންދަވަ އެވެ. މިހާތަނަށް ކުރެއްވިފައިވާ މަސައްކަތުގެ ނަތީޖާއަށް ބަލައި އެއީ ތެދުފުޅަކަށް ވެސް ވެދާނެ އެވެ. އެހެންނަމަވެސް ޑިމޮކްރަސީއެއް ފައްކާވުމަކީ އިންތިހާބީ ކެމްޕޭންތައް ވެސް ފައްކާވެގެން އައުން ދޮގެއްތޯ އެވެ؟
ކެމްޕޭން ހެދުމުގައި ނުކުންނަވައި އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަކޮށް، އެހެން މީހުން ފަލީހަތްކޮށް ހުތުރު އެއްޗެހި ގޮވައި ޣީބަ ބުނަން ފަށައިފި ކަމަށް ވަންޏާ ރާއްޖޭގެ ޑިމޮކްރަސީ ފައްކާވެފައި އޮތް ގޮތެއް ކިޔައިދޭކަށް އަޅުގަނޑަކަށް ނޭނގެ އެވެ. އެހެންނާ އަޅުގަނޑުގެ ވިސްނުން ކޮށީ އެވެ. އެހެންނާ ޑިމޮކްރަސީއާ އަޅުގަނޑު ބީރައްޓެހީ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުންނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭންތައް ފެށުމާއެކު އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަކުރަމުންދާ ކަމުގެ ޝަކުވާތައް ވަނީ އަންނަން ފަށައިފަ އެވެ. އެއީ ހަގީގަތެއް ކަމަށް ވަންޏާ އަޅުގަނޑު މިދެންނެވި ވާހަކައަށް ބާރެއް ލިބެ އެވެ. އަޅުގަނޑު ހީކުރަނީ މިނިވަން އެ ކޮމިޝަނުން އިތުރުފުޅެއް ނުހައްދަވާނެ ކަމަށެވެ.
ކެމްޕޭން ޖަގަހަތައް ހުޅުވި ޖަލްސާތައް ބޭއްވި، ޕާޓީކުރުން ރޭގަނޑުގެ މެންދަމަށް ދިގުލައިގެންދާ މޫސުން ފެށިފައިވާއިރު، ޑިމޮކްރަސީގައި ތަހުޒީބުވެފައިވާ މުޖުތަމައުތަކުގައި ބާއްވާ އިންތިހާބުތަކުގައި ކެމްޕޭން ކުރާ ރީތި މިސާލުތައް "ފައްކާ"ވަމުން އަންނަ އަޅުގަނޑުމެންގެ ޑިމޮކްރަސީގެ ތެރެއަކުން ނުފެނެ އެވެ. އިންތިހާބެއްގެ ވާދަވެރި ކެމްޕޭނަކަށްވުރެ ބޮޑަށް ފެންނަނީ އެހެން މީހުން "އިނދަޖައްސައިލަން" ހިފާތަނެވެ. އަނެކާ އަށް، މުޖުތަމައަށް އިހުތިރާމް ކުޑަކޮށްލާތަނެވެ.
އަޅުގަނޑު ހިތަށް އަރަ އެވެ؛ ޑިމޮކްރަސީ ފައްކަލޭ ބުނެ އަޑު އަހަރުކޮށް އެހެން މީހުންނަށް މަލާމާތް ކުރާއިރު ގާނޫނުއަސާސީގެ 67 ވަނަ މާއްދާއާ މެދު ވިސްނައިލެވޭ ބާވައެވެ؟ އަޅުގަނޑަކަށް ހީއެއް ނުވެއެވެ. އެ މާއްދާގައި ބުނާ އަނެކުންގެ މިނިވަންކަމާއި ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާމެދު ފިކުރުގެ މިންވަރެއް އޮތޭ ބުނަން ވެސް ދައްޗެވެ. އެހެނީ އެފަދަ ބޭފުޅުންގެ ވާހަކަފުތަކުގައި އަބަދުވެސް ގާނޫނު އަސާސީގެ މާއްދާތަކަށް ހަވާލާ ދެއްވަ އެވެ. އެހެންނަމަވެސް 67 ވަނަ މާއްދާއަށް ހަވާލާއެއް ދިން ތަނެއް އަޅުގަނޑު ދުވަހަކުވެސް އަޑެއް ނާހަމަވެ. ނޫސްވެރިއެއްގެ ގޮތުގައި ވަރަށް ގިނަ ޖަލްސާތަކަށް އަޅުގަނޑަށް ވެސް ދެވެ އެވެ. ހަމަ އަޑެއް ނީވެ އެވެ.
ކެމްޕޭނުތައް އަމާޒުން ކައްސާލައި މުޖުތަމައުގެ އެހެން މީހުންނަށް މުސީބާތަކަށް ވާން ފެށީމާ އެއީ މައްސަލައެކެވެ. އެއީއަކީ ޑިމޮކްރަސީއެއް ވެސް ނޫނެވެ. އެއީ ކެމްޕޭން ކުރުމެއް ވެސް ނޫނެވެ.
ލޯކަލް އިންތިހާބުގެ ކެމްޕޭން ގާތްގަނޑަށް މަހެއްހާ ދުވަހަށް ކުރިޔަށްދާނެ އެވެ. އެ މުއްދަތުގައި ތަހުޒީބު މުޖުތަމައު ތަކުގައި ކެމްޕޭން ކުރާ ގޮތް ހަނދާން ނައްތާލައި އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް އިހުތިރާމާއި ގަދަރު ކުޑަކޮށްލައި، މަލާމާތާއި ފުރައްސާރަ އާއި ޣީބައާއެކު ހުތުރު ބަސްތައް ރައްދު ކުރުމުގެ ދުވަސްތަކަކަށް ހަދައިފިއްޔާ ބޭޒާރު ވަނީ އެފަދަ ބަސްތައް ރައްދުވާ މީހާއެއް ނޫނެވެ. ފަހުން އަޅުގަނޑުމެން ބޭޒާރުވާ މިންވަރު މާ ބޮޑުވެފައި ހަޑިވާނެ އެވެ.
***
ރަނގަޅަށް ވިސްނާށެވެ. ހުރިހާ ކުލައަކާ މަންޒަރެއް އަޅުގަނޑުމެން ތުއްތު ކުދިންނާއި ޅަފުރާ ބަލަން އެބަތިއްބެވެ. އެމީހުންނަށް ވާނުވާ ރަނގަޅަށް އެނގެ އެވެ. ތިޔަބޭފުޅުން ތިހެން ހައްދަވާނަމަ ފިސާރި ހަޑި ގޮތަކަށް ފަހުން އަތަށް ގޮވާނެ އެވެ.