މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ގައުމީ ނައިން ބޯލް ބިލިއާޑް މުބާރާތް ރޭ ފަށައިފި އެވެ.

ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ޝަރީފް ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތް ވެސް ކުރިއަށްދަނީ އެމްޕީބީއޭގެ ކްލަބް ހައުސްގައި ކަމަށާއި މިފަހަރުގެ މުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރާ ކަމަށެވެ. އަދި އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ގައުމީ ރޭންކިންގެ ގަދަ 16 ކުޅުންތެރިންނާއި ކޮލިފައިން ބުރެއް ކުޅެގެން ބައިވެރިވި 16 ކުޅުންތެރިން ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މުބާރާތުގެ ޗެމްޕިއަން ކުޅުންތެރިޔާއަށް 3000ރ. ރުފިޔާގެ ފައިސާގެ އިންމާ ދިނުމަށް ހަމަޖެހިފައި ވާއިރު ރަނަރަޕް ކުޅުންތެރިޔާއަށް ދިނުމަށް ހަމަޖެހިފައި ވަނީ 1500ރ. ކަމަށެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ އެ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ރެއެވެ.

ގައުމީ ނައިން ބޯލް ބިލިއާޑް މުބާރާތައްފަހު ދެން މިއަހަރުގެ ތެރޭގައި އެ އެސޯސިއޭޝަނުން ކުޅުމަށް ހަމަޖެހިފައިވާ އަނެއް ދެ މުބާރާތަކީ ގައުމީ އެއިޓް ބޯލް މުބާރާތައި ގައުމީ ޓެން ބޯލް ބިލިއާޑް މުބާރާތެވެ. އެ ދެމުބާރާތް ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.