07 Aug 2014, 15:05
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ނަން ނުލައި އެމްޑިޕީގެ އެކިއެކި މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އިއުލާން ކޮށްފި އެވެ.
އެ ޕާޓީގެ މަގާމްތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އެމްޑީޕީން އިއުލާން ކުރި އިރު، އެ އިއުލާންގައި އަލްހާންގެ ނަން ހިމަނާފައެއް ނުވެއެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ތޮެއްޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ވަހީދާއި އިންތިޚާބާ ބެހޭ ކޮމެޓީގެ މެމްބަރު އަލީ ނިޔާޒެވެ.
އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ނައިބު ރައީސް ކަމުގެ މަގާމަށް ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒު ކުރިމަތިލެއްވި ނަމަވެސް، އެ ދެ ބޭފުޅުންގެ ތެރެއިން ޝަރުތުހަމަވަނީ ޝިފާޒު އެކަނި ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ސަން އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އަލްހާން ވިދާޅުވެފައި ވަނީ އޭނާ އަކީ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ މީހެއް ކަމަށެވެ.
އަލްހާން ވިދާޅުވެފައި ވަނީ ނާއިބް ރައީސް ކަމުގެ މާގާމަށް އޭނާ އަށް ވާދަނުކުރެވޭ ގޮތް ހެދުމަށް އެމްޑީޕީން މަސައްކަތް ކުރަން އުޅުނު ކަމުގެ މައުލޫމާތު މީޑިއާ އިން ލިބިވަޑައިގަތް ކަމަށާއި ރަސްމީ އެއްވެސް ސިފައެއްގައި އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.
އަލްހާނަކީ އެމްޑީޕީގެ އެންމެ ފުރަތަމަ އިންތިޚާބީ ނާއިބް ރައީސް އެވެ. ނަމަވެސް އެ މަގާމަށް އޭނާ އިންތިޚާބުވެވަަޑައިގެންފައި ވަނިކޮށް އެމްޑީޕީގެ އިސް ސަފުގައި ތިބި ބައެއް ފަރާތްތަކުގެ ނުފޫޒުން އެފަހަރު ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ. އޭގެފަހުން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގައި ދުވަސްކޮޅެއްގައި މަސައްކަތް ކުރެއްވުމަށްފަހު އަނެއްކާވެސް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.