07 Aug 2014, 15:08
ފެނަކަ ކޯޕަރޭޝަންގެ ހުރިހާ މުއައްޒަފުންގެ މުސާރައިން 400،000 އަށްވުރެ ގިނަ ރުފިޔާ ހެލްޕް ގާޒާ ފަންޑަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހެމުންދާ ޣައްޒާގެ މުސްލިމުންނަށް އެހީވުމަށްޓަކައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ހެލްޕް ގާޒާ ފަންޑަށް ހަދިޔާ ކުރުމަށް ކުންފުނީގެ މުއައްޒަފުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދާ ހަމައަށް ގާތްގަނޑަކަށް 400،000 އަށްވުރެ ބޮޑު އަދަދެއް އެއްކުރެވި ޓެލެތޯން ތެރޭގައި ފަންޑަށް ޖަމާ ކުރެވިގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ޝަހީދުވަމުންދާ މުސްލިމުންގެ ހަނދާނުގައި ހިތާމަފާޅުކޮށް ޝުއޫރު ފާޅުކުރުމަށް މިމަހު ފަސްވަނަ ދުވަހު އެ ކުންފުނީގެ މުއައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ވެސް އެއް ސަރަހައްދަކަށް އެއްވެ ވަނީ ޝުއޫރު ފާޅުކުރުމުގެ ގޮތުން ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.
އޭގެ އިތުރުން ހެލްޕް ގާޒާ ޓެލެތޯން ކުރިއަށްދާ އިރު، އޮގަސްޓް މަހު ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަތު ގުޅާލުމުގެ ހަރަކާތުގައި ވެސް ފެނަކައިގެ މުއައްޒަފުން ބައިވެރިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދާ ޓެލެތޯންއަށް އެކި ކުންފުނިތަކާއި ސިޔާސީ ޕާޓީތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.