07 Aug 2014, 14:50
ދިވެހި މީޑިއާގެ ފަރާތްތަކުން އިންތިޒާމު ކޮށްގެން މާދަމާ މެންދުރުފަހު 2:30 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 އަށް ކުރިއަށް ގެންދާ "ހެލްޕް ގާޒާ ޓެލެތޯން" އަށް ލިބޭ ފައިސާ މެނޭޖު ކުރަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަމަށް ހެލްޕް ގާޒާ ޓެލެތޯންގެ ސްޓީއަރިން ކޮމިޓީން ބުނެފި އެވެ.
ހެލްޕް ގާޒާ ޓެލެތޯންގެ ސްޓީއަރިން ކޮމިޓީން ދެންމެ ނެރުނު ނޫސްބަޔާންގައި ބުނެފައި ވަނީ، އެ ފަންޑަށް ފައިސާ ޖަމާކުރުމުގެ ކަންކަމާ ބެހޭ ގޮތުން ބެންކުގެ ވެރިންނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ހެލްޕް ގާޒާ ޓެލެތޯންގެ ޓީ ޝާޓް މާޗެންޑައިޒުކޮށް ވިއްކަމަށް ހަވާލްކޮށްފައި ވަނީ އީވް ގާމެންޓްސްއާ ކަަމަށެވެ. އަދި ޓީ ޝާޓް އީވްއިން ލިބެން ހުންނާނެ ކަމަށާއި ޓެލެތޯންގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ޓެލެތޯންގެ ޓީ ޝާޓް ބޭނުންކުރުމަކީ ހެލްޕް ގާޒާ ޓެލެތޯންގެ ސްޓީއަރިން ކޮމިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ޣައްޒާގައި އިސްރާއީލުން ހިންގި އަނިޔާވެރި އުދުވާނަށް 29 ދުވަސް ފަހުން ވަގުތީ ގޮތުން ހުއްޓައިލި އިރު އަނިޔާވެރި ކަމުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 2000އާ ގާތްކުރެ އެވެ. އަދި ހަމަލާތަކުގައި އަނިޔާ ލިބި ޒަޚަމްވެފައިވާ މީހުންގެ އަދަދު 10000އާ ގާތްކުރާއިރު، މަޖުބޫރީ ހާލަތުގައި ގެދޮރު ދޫކޮށް އެކި ތަންތަނަށް ރައްކާތެރިކަން ހޯދަން ގޮސްފައިވާ މީހުންގެ އަދަދު 200،000އާ ގާތްކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.