ލ.ގަމު ތުނޑީ ސަރަހައްދުގައި ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ފައިގެ ފަލަމަސްގަނޑުން ބިންދައިގެން ހިނގައްޖެ އެވެ.

ގަމުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު މެންދުރު 1:30 އެހާކަންހާއިރު ގަމު އާބާދީ ސަރަހައްދުގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އެރަށު އައްސޭރިހިޔާ، އިބްރާހިމް ޝަހީދު 22، އަށް ކަމަށެވެ.

އެ އެކްސިޑެންޓް ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެކްސިޑެންޓް ހިނގީ ތުނޑީ އާބާދީ ސަރަހައްދުގެ ބޮޑު މަގަކަށް ގޯޅިއެއްގެ ތެރެއިން ނުކުތް ބަހެއް ބޮޑު މަގުގެ ވާތްފަރާތުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

"ސައިކަލް ވަނީ ބަހުގައި ޖެހި ބަހުގެ ކުރީ ކޮޅުގެ ދަށުވެ، އަދި އެތައް ފޫޓަކަށް ސައިކަލްގައި އިން މީހާއާ އެކު ވަނީ ކަހައިލައިގެން ގޮސްފައި،" އެމީހާ ބުންޏެވެ.

އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އެކްސިޑެންޓްގައި އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑު ބިންދައިގެން ގޮސް މަސްގަނޑުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ޑޮކްޓަރުންގެ އިރުޝާދާ އެކު ކުރިއަށްގެންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކްސިޑެންޓްވި ބަސް ދުއްވަން އިނީ ދިވެއްސެއް ނަމަވެސް އޭނާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. މި އެކްސިޑެންޓްގައި ސައިކަލަށާއި ބަހަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަަބަބު ބަލަމުން އަންނަ ކަމަށެވެ.