ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުން ސްޕޯޓްސް ކްލަބް ސިޓީ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯތުގައި އިއްޔެ ހަވީރު ކުޅުނު މެޗު ސިޓީއިން ކާމިޔާބު ކުރީ ޔޫތު ސްޕޯޓްސް ކްލަބާ ވާދަކޮށް ތިން ސެޓު ދެ ސެޓުންނެވެ.

އިއްޔެ މެޗުގެ ފުރަތަމަ ދެ ސެޓު ޔޫތު ސްޕޯޓްސް ކްލަބުން 19-25، 28-30 ޕޮއިންޓުން ކާމިޔާބު ކުރި ނަމަވެސް ސްޕޯޓްސް ކްލަބް ސިޓީ އިން މި މެޗު ކާމިޔާބުކުރީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެންނެވެ. ސްޕޯޓްސް ކްލަބް ސިޓީ ސެޓުތައް ކާމިޔާބުކުރީ 17-25، 24-26، 13-15 ޕޮއިންޓުންނެވެ.

އިއްޔެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ސްޕޯޓްސް ކްލަބް ސިޓީގެ އަހުމަދު ފާޒިލް އެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މި މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާ މެޗުގައި ސްޕޯޓްސް ކްލަބް ގުޑީސް ނުކުންނާނީ ސްޕޯޓްސް ކްލަބް ސިޓީއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ބައްދަލުކުރާ މެޗުގައި ދިވެހި ސިފައިންގެ ކްލަބް ނިކުންނާނީ ޔޫތު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.

މި އަހަރުގެ ގައުމީ ވޮލީ ބޯޅަ ލީގުގައި ވާދަކުރާ ފަސް ޓީމަކީ ސިފައިންގެ ކުލަބާއި ގުޑީސް އާއި ޔޫތު ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބް އަދި ސްޕޯޓްސް ކުލަބް ސިޓީ އެވެ.

އޭގެ އިތުރުން މިހާރު ކުރިއަށްދާ 23 ވަނަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިއަދު ހަވީރު ޕޮލިސް ކްލަބް ނުކުންނާނީ ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމަންޓް އެންޑް ރެކްރިއޭޝަން (ސްޓާ) ދެކޮޅަށެވެ. ދެވަނަ މެޗުގައި މިރޭ ކްލަބް އިމިގްރޭޝަން ނިކުންނާނީ އައްޑޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.