ދިރާގު ދިވެހި ލީގުގައި އެންމެ ކުރީގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނު ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މިއަދު ހަވީރު ނުކުންނަ އިރު، ދެ ޓީމުން ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފަ އެވެ. މިއަދު ބައްދަލުކުރާ މެޗަށް ނުކުންނަ އިރު، ދެ ޓީމުން ވެސް ބޭނުންވަނީ މޮޅެއް ހޯދުމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނިއު އާއި މާޒިޔާ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން ނިއު ބަލިވި ނަމަވެސް މިއަދު ހަވީރު ކުޅޭ މެޗަށް ނިއު ނުކުންނަނީ ބޮޑު އުންމީދަކާއެކު މޮޅުވުމުގެ އަޒުމުގައެވެ.

"އަޅުގަނޑުމެން މި މެޗަށް މި ނިކުންނަނީ ވަރަށް އުންމީދާ އެކު. އަޅުގަނޑުމެން މި ނިކުންނަނީ އިރާދަކުރެއްވިއްޔާ މޮޅުވާން. މި މެޗަށް ކުރިމަތިލާއިރު، ކުޅުންތެރިންގެ ފޯމް އާއި ޓީމުގެ ރޫހު ވަރަށް ރަނގަޅު. ނިއުއަށް މާޒިޔާ ބަލިކުރެވޭނެ،" ގަލޮޅު ދަނޑުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނިއުގެ މެނޭޖަރު އިސްމާއިލް ވިޝާމް ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވި ގޮތުގައި، ލީގުގައި އެންމެ ފަހުން މާޒިޔާއާ ބައްދަލުކުރި މެޗުގައި ނުކުތީ އުންމީދުކުރި ނަތީޖާއެއް ނޫނެވެ. އެހެން ނަމަވެސް އެ މެޗުގެ ނަތީޖާއިން ހިތްވަރުލިބި ޕޮޒިޓިވް އެއްޗެއްގެ ގޮތުގައި ދެކެގެން ނިއުގެ ކުޅުންތެރިން ތިބީ ދެވަނަ މެޗު ކާމިޔާބު ކުރުމަށް ތައްޔާރަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ލީގުގައި ނިއު ނިކުންނަ ކޮންމެ މެޗެއްގައިވެސް އެ ޓީމުގެ ޓާގެޓަކަށް ވާނީ މެޗު ކޮންޓްރޯލް ކުރުމާއި އެ ޓީމުން މެޗުގެ ލީޑު ނެގުމެވެ.

ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކު) ވެސް މި މެޗާ ބެހޭގޮތުން އަލިއަޅުވާލާފައި ވެއެވެ. މާޒިޔާގެ ކޯޗަކީ މޮޅު ކޯޗެއް ކަމަށް ބަލަކް ގަބޫލުފުޅު ކުރެއްވި ނަމަވެސް، އޭނާގެ ނަޒަރުގައި ނިއުއަކީ މާ މޮޅު ޓީމެކެވެ.

ނިއުއާ ދެކޮޅަށް ނުކުންނަ އިރު، މާޒިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އަނިޔާއާއި ސަސްޕެންޝަނުގެ މައްސަލަތަކެވެ. ނަމަވެސް ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި މާޒިޔާ ޓީމުގެ މުހިންމު ފަސް ކުޅުންތެރިންނަށް ނުކުޅެވޭ އިރު، އެ ކުޅުންތެރިންނާ ނުލައި ވެސް މެޗު ކާމިޔާބު ކުރެވިދާނެ ކަމަށް މާޒިޔާއިން ގަބޫލުކުރެ އެވެ.

"ފުރަތަމަ އެގާރައިގައި ކުޅޭ ފަސް ކުޅުންތެރިން ނުލައި ކުޅުމަކީ ކިހާވަރެއްގެ ކަމެއްކަން ފުޓްބޯޅަ ބަލާ ގިނަ މީހުންނަށް އެނގޭނެ ކަން ނޭނގެ. އެކަމަކު އެއްގޮތަކަށް ވެސް ކުރިއަށް އޮތް މެޗުގައި އެތަނެއް ނުދައްކާނެ،" މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.

މާޒިޔާ ފޯވަޑް އަސަދުﷲ އާއި ބިދޭސީ ފޯވާޑް ރިސްތޭ އާއި އަލީ ސަމްދޫހް އާއި މޫސާ ޔާމީން (ޔާންބެ) އަދި ރިލްވާން ވަހީދު (ރިލޭ) ވެސް މިއަދު ހަވީރު ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ނުފެންނާނެ އެވެ. ޔާންބެ އާއި ރިލޭ އާއި އަސަދުﷲ އަދި ރިސްތޭއަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު، އަލީ ސަމްދޫހަށް ދެ ކާޑު ހަމަވުމުގެ ސަބަބުން މިއަދުގެ މެޗަށް ވަނީ ސަސްޕެންޑް ވެފަ އެވެ.

ސުޒޭން ގަބޫލުކުރާ ގޮތުގައި، ނިއު އިން އާ ކޯޗަކާއެކު މިއަދުގެ މެޗު ކާމިޔާބުކުރަން ކުރިމަތިލި ނަމަވެސް އެކަން ކުއްލިއަކަށް ކާމިޔާބެއް ނުވާނެ އެވެ.

"ބޭރު ކޯޗަކާއި އަޅުގަނޑާ ހުންނާނެ ތަފާތަކީ ދެ ޓީމުގައިވެސް ތިބޭނީ އަޅުގަނޑު ދެކެ ފަރިތަ ކުޅުންތެރިން. ބޭރު ކޯޗަކު އައިސް އެކަމަށް އަހުލުވެރިވާން ވަގުތު ނަގާނެ. އަދި މި މާހައުލާ ސްޓައިލަށް ހޭނުމަށް ވެސް ފަހަރުގައި އޭނަ އަށް އުނދަގޫ ވެދާނެ. އަޅުގަނޑު ފުރަތަމަ މާޒިޔާއާ ހަވާލުވި އިރު، އުނދަގޫތަކެއް ކުރިމަތިވި،" ސުޒޭން ބުންޏެވެ.

ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗާ ހަމައަށް އައި އިރު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ނިއު އޮތީ ލީގުގެ އެންމެ ކުރީގައެވެ. ނަމަވެސް އެ މެޗުގައި މާޒިޔާ އަތުން 1-0 ލަނޑުން ބަލިވި މެޗަށް ފަހު އެ ޓީމު ވަނީ ލީގުގެ ދެވަނައަށް ވެއްޓިފައެވެ. އެއީ 2011 ވަނަ އަހަރަށް ފަހު، ދިވެހި ލީގުގައި ނިއު ބަލިވި ފުރަތަމަ މެޗެވެ.

ގަލޮޅު ދަނޑުގައި ކުޅޭ ދެވަނަ ބުރުގެ ފުރަތަމަ މެޗަށް ނިއު އާއި މާޒިޔާ ނުކުންނާނީ މިއަދު ހަވީރު 4:00 ގައެވެ.