07 Aug 2014, 14:13
ސަރުކާރު ހިންގާ ޕީޕީއެމް އިން އެ ޕާޓީގެ ގޮފިތަކަށް ފައިސާ ދޫކުރުމަށް ނިންމައިފި އެވެ.
ޕީޕީއެމް ކައުންސިލުން ރޭ ފާސްކޮށްފައި ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާގެ ތެރެއިން އެ ޕާޓީއަށް ލިބޭ ފައިސާގެ ދެބައިކުޅައި އެއްބައި ޕާޓީގެ ގޮފިތަކަށް ބަހާލުމަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލު ވިދާޅުވީ މި އަހަރު ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ކޮށްފައިވާ ގޮފިތަކަށް އެކަނި ކަމަށެވެ. އެގޮތުން 190 ގޮތްޕަކަށް ފައިސާ ދޫކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
" ގޮފިތަކަށް ފައިސާ ދޫކުރުމަށް ނިންމިއިރު 190 ގޮތްޕެއް އެބަ އޮތް ސެޕްޓެމްބަރު 30 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައި. އަޅުގަނޑުމެން މިހާރު މިދަނީ ފައިސާ ދޫކުރާނެ އުސޫލުތަކެއް ހަދަމުން،" ތޮލާލް ވިދާޅުވި އެވެ.
މިއީ އެ ޕާޓީގެ ގޮފިތަކަށް ފައިސާ ދޫކުރަން ނިންމި ފުރަތަމަ ފަހަރެވެ.