07 Aug 2014, 14:04
ކްރިމިނަލް ކޯޓު މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ "ހެލްޕް ގާޒާ ޓެލެތޯން" އަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މުވައްޒަފުންނާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި ދިވެހި މީޑިއާގެ ފަރާތްތަކުން އިސްނަގައިގެން މާދަމާ ފަށާ ޓެލެތޯން ހަރަކާތުގައި އެ ކޯޓުގެ ހުރިހާ މުވައްޒަފުން ބައިވެރިވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ މުވައްޒަފެއްގެ އެއް ދުވަހުގެ މުސާރަ ޣައްޒާގެ ރައްޔިތުންނަށް އެހީވާ ފަންޑަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޯޓުގެ މުވައްޒަފުން ޓެލެތޯން ހަރަކާތުގައި ބައިވެރިވަނީ "ކްރިމިނަލް ކޯޓުގެ މުވައްޒަފުން ޣައްޒާގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނާ އެކު" މިޝިއާރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި 2000އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްލާފައިވެއެވެ. އަދި އެތަށް ބަޔަކު ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފައެވެ.