14 Jan 2011, 17:35
ތ. ވޭމަންޑޫ ފުލުހުންގެ ހައްޔަރުގައި ހުއްޓައި މިއަދު ހެނދުނު މަރުވެފައި އޮއްވާ ފެނުނު ސ. ހިތަދޫ ރަތްވިލާ ދޯދި، އަބްދުލް ބާސިތު އަބްދުﷲ ޒުބެއިރުގެ ހަށިގަނޑުން އެއްވެސް ހާނިއްކަ އެއް ފެނިފައިނުވާ ކަމަށް އޭނާގެ ހަށިގަނޑު ބެލި ތ. ވޭމަންޑޫ ހޮސްޕިޓަލުން ކަށަވަރުކޮށްދީފި އެވެ.
އުމުރުން 20 އަހަރުގެ ބާސިތުގެ ހަށިގަނޑު ބެއްލެވި ދެ ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ފުލުހުން ބާސިތު ހޮސްޕިޓަލަށް ގެނައިއިރުވެސް އޮތީ މަރުވެފައި ކަމަށާއި ހޮސްޕިޓަލުން އޭނާގެ މަރު ސާބިތު ކުރީ މިއަދު ހެނދުނު 8:45 ގައި ކަމަށެވެ.
"ރައިގޯ މޯރޓިސް ނުވަތަ ހަށިގަނޑު ހަރުވުމުގެ އަލާމާތްތައް ]ބާސިތުގެ[ ހަށިގަނޑުގައި ހުރި. އަދި ސައިނޯސިސްގެ ]ނިޔަފަތާއި ތުންފަތް ކަޅުވުމުގެ[ އަސަރު ވެސް ހުރި. އެކަމަކު އެއްވެސް ޖިސްމާނީ ހާނިއްކައެއް ހަށިގަނޑުގެ ބޭރުފުށުން ވެސް އަދި އެތެރެއަށް ވެސް ލިބިފައެއް ނެތް،" ޑޮކްޓަރު ވިދާޅުވި އެވެ.
ނަމަވެސް ބާސިތު މަރުވި ސަބަބު ނޭގޭ ކަމަށާއި އެކަން ހޯދޭނީ ޕޯސްޓް މޯޓަމް ހެދުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވޭމަންޑޫ ހޮސްޕިޓަލުގެ މެނޭޖާ އަބްދުﷲ މައުރޫފް މިއަދު ވިދާޅުވި ގޮތުގައި، ބާސިތުގެ ހަށިގަނޑުން ފެންނަ އަލާމަތްތަކަށް ބަލާއިރު އޭނާ ހޮސްޕިޓަލަށް ގެނައުމުގެ ތިން ގަޑިއިރެއްހާއިރު ކުރިން މަރުވެފައިވާ ކަމަށް ޑޮކްޓަރުން ލަފާކުރެ އެވެ.
"..]ހަށިގަނޑު[ ހަރެއް ނުވާނެ ]މަރުވާ[ ވަގުތަކުންނެއް.އެހެންވީމާ ތިން ގަޑިއިރެއްހާއިރު ވެދާނެ. އެއީ އެމީހުން [ވޭމަންޑޫ ފުލުހުން] އެބަ ބުނޭ ތިން ގަޑި ކޮންމެސް އެއްޗެއްގައި ޕޮލިހުންނާ ]ބާސިތު[ ވާހަކަދެއްކި ކަމަށް. އެހެންވެ އޭގެ ފަހުން އެމީހުންނަކަށް ވެސް އޭނާގެ ޚަބަރެއް ނުވޭ. ނިދާފައި އޮތް ކަމަށް އެމީހުންނަށް ]ފުލުހުންނަށް[ ބެލުނީ. އެހެންވެ އެ ދޭތެރޭގައި ކަމަށް ބެލެވެނީ މަރުވީ،" މައުރޫފް ވިދާޅުވި އެވެ.
މަސްތުވާ ތަކެތީގެ މައްސަލަ އެއްގައި ތ.ވޭމަންޑޫ އިން ފުލުހުންގެ ހައްޔަރުކޮށްގެން ގޮޅިއަށް ލާފައި ހުއްޓާ މަރުވި ބާސިތަކީ، ވޭމަންޑޫ ހޮސްޕިޓަލުގެ ފާޚަނާ ތެރޭ މަސްތުވާތަކެތި ބޭނުން ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ރޭ 10 ޖަހާއެހާކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކު ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އޭނާއާއެކު ސ.ހިތަދޫއަށް ނިސްބަތްވާ އަޒްމީލު ނަމަކަށް 24 އަހަރުގެ މީހަކު ވެސް ހައްޔަރުކުރި އެވެ. ހައްޔަރުކުރިއިރު އެ ދެމީހުންގެ އަތުން ވެސް މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
އަދި ބާސިތު މަރުވިއިރު އޭނާއާއެކު އެއް ގޮޅިއަކަށް ލާފައި ހުރި އަޒްމީލު އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައި ކަން ކަށަވަރުކޮށްދިނެވެ.
ބާސިތު މަރުވެފައިވާކަން އެނގުނީ "ހެނދުނު ހޭނުލައިގެން ބެލިއިރު ވިންދު ނުޖަހާތީ މިއަދު ހެނދުނު ޑޮކްޓަރަށް ގެންގޮސް ދެއްކުމުން" ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ސަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ރިސޯޓެއްގައި މަސައްކަތްކުރަމުންދިޔަ ބާސިތު ވޭމަންޑޫއަށް ދިޔައީ އޭނާގެ ރަހްމަތްތެރިންތަކަކާއެކު ލޯންޗެއްގައި އައްޑު އަތޮޅަށް ދިޔަ މަގުމަތީގަ އެވެ. ހިތަދޫ އަށް ދިއުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 10 ޖަހާ އިރަށެވެ. ވޭމަންޑޫގައި ލޯންޗް މަޑުކުރި ސަބަބެއް ނޭގެ އެވެ.
ބާސިތު މިއަދު ރަށަށް އަންނާނެ ކަމަށް އޭނާގެ އާއިލާއިން އުއްމީދުކޮށްގެން ތިއްބައި ކުއްލިއަކަށް ބާސިތުގެ މަރުގެ ޚަބަރު ލިބުމުން، އެ އާއިލާ ވަނީ "ފުން ހިތާމައެއްގެ" ތެރޭގައި ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
"ބާސިތު ކުރިން މަސްތުވާތަކެތި ބޭނުންކުރި. އެކަމަކު އޭނާ މިހާރު ރަގަޅު. ރިސޯޓަށް ދިއުމުގެ ކުރިން ވަރަށް ރީއްޗަށް އުޅެފައި ދިޔައީ. ރިސޯޓުގައި ހުރެފަ ވެސް ގުޅާނެ. އާއިލާއަށް ލާރިވެސް ފޮނުވާނެ. މިކަން މިވީ ބާސިތު ރަގަޅުވެފައި ހުއްޓާ. އޭނާއަކީ ވަރަށް ރަގަޅު އެކުވެރިޔެއް،" ނަން ނުޖެހުމަށް އެދި އެމީހާ ބުންޏެވެ.
ބާސިތުގެ ހަށިގަނޑު އައްޑޫއަށް ގެންދިއުމަށް އޭނާގެ ބައްޕަ ވަނީ ވޭމަންޑޫއަށް ގޮސްފަ އެވެ.
ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ބާސިތުގެ މަރުގެ މައްސަލަ ބަލަމުންދާ ކަމަށް މައުލޫމާތު ލިބިފައި ވެއެެވެ.