31 Mar 2010, 10:55
14:30
ޑީއާރުޕީ އަށް ލިބެމުން އަންނަ ކާމިޔާބީއަށް ވަކި ބަޔަކު ހަސަދަވެރިވެ، އެ ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި އިސްވެރިންނަށާއި ޕާޓީގެ މެންބަރުންނަށް ބިރުދައްކައި ހަމަލާދެމުންދާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީގެ ލީޑަޝިޕްގައި ތިއްބެވި ފަރާތްތަކަށާއި އެ ފާޓީގެ މެންބަރުންނަށް މިހާރަކަށް އައިސް ބިރުދައިކައި ހަމަލާދެމުންދާތީ އެކަން ކުށްވެރިކޮށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާޓީގެ ނައިބް ލީޑަރ އިބްރާހިމް ޝަރީފް ވިދާޅުވީ އެ ޕާޓީއަށް ލިބެމުންދާ ކާމިޔާބީއަށް ވަކި ބަޔަކު ހަސަދަވެރިވެ، ޑީއާރުޕީގެ އިސްވެރިންނަށް މަރުގެ އިންޒާރުދީ، ޕާޓީގެ މެންބަރުން މަގުމަތިން ހުއްޓުވައި ބިރުދައްކައި ހަމަލާދީފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅުއްވާ ގެއަށް ރޭގަނޑު ވަގުތުތަކުގައި އެކި ފަހަރުމަތިން ގާ އުކާފައިވާ ކަމަށާއި އޭނާގެ ފިހާރައަށް ވެސް އަމާޒުކޮށްގެން އެފަދަ ހަމަލާތަކެއްދީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށް ވެސް ޝަރީޕް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެފަދަ ހަމަލާތަކެއް ތަކުރާރުކޮށް ދިނުން އެއީ ގައުމުގެ ހާލަތު އަނެއްކާވެސް ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ ނޭއްގާނީ އަމަލްތައް ހުއްޓުވުމަށް އެކަށޭނަ ފިޔަވަޅު އެޅުމަށް ސަރުކާރަށް ޝަރީޕް ގޮވާލެއްވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ޑޯނަރ ކޮންފަރެންސްގެ ބައިވެރިވި ބޭރުގެ ބައެއް ވަފުދުތަކުން އެ ޕާޓީގެ އިސްވެރިންނާ ބައްދަލުކޮށްފައިވާ ކަމަށާއި އަދި އެ ބޭފުޅުންނަށް ގައުމުގެ ހާލަތާއި ސަރުކާރުން ކުރަން ރާވަވާފައި ހުރި ކަންތައްތަކާއި ރައްޔިތުންނާ މެދު ސަރުކާރުން އަމަލްކުރަމުންދާ ގޮތް ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ ކަމަށެވެ. އަދި އެ ބޭފުޅުން ފާޅުކުރެއްވި ޝުއޫރުތަކުން އެނގުނީ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކަށް އެ ވަފުދުތަކުގެ ބޭފުޅުންގެ ތާއީދެއް ނެތްކަން ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ލިބޭނެ އެހީގެ އަދަދު ވިހި މިލިއަން ޑޮލަރަށް ވުރެވެސް މަދުވާނެ ކަމަށް އެބޭފުޅުން ވާހަކަތަކުން ވަރަށް ސާފުކޮށް އެނގުނު ކަމަށާއި ޑޯނަރ ކޮންފަރެންސަކީ ނާކާމިޔާބު ކޮންފަރެންސެއް ކަމަށް ޝަރީޕް ވިދާޅުވި އެވެ.
ނަމަވެސް ނިމިގެންދިޔަ ޑޯނާރސް ކޮންފަރެންސުން ތިން އަހަރު ދުވަހުގެ ތެރޭގައި ހޯދުމަށް އުއްމީދު ކުރެއްވި 450 މިލިއަން ޑޮލަރުގެ ތެރެއިން ރާއްޖެއަށް އެހީގެ ގޮތުގައި މިހާތަނަށް 313 މިލިއަން ޑޮލަރު ލިބޭނެ ގޮތް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެ ފައިސާގެ ތެރެއިން 110 މިލިއަން ޑޮލަރު މިއަހަރު ތެރޭގައި ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވި އެވެ.