07 Aug 2014, 13:01
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މޮބައިލް ނެޓްވޯކްގެ ޚިދުމަތް ދެމުން އަންނަ އުރީދޫ އިން ފުރަތަމަ ފަހަރަށް މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށަކަށް 4G ނެޓްވޯކްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
އުރީދޫ އިން މިއަދު 4G ނެޓްވޯކްގެ ޚިދުމަތް ތައާރަފްކޮށްފައި ވަނީ ކ. މާފުއްޓަށެވެ. އެރަށުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެރަށަށް އެ ޚިދުމަތް ތައާރަފްކޮށް ދެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ އާއި މާފުށީ ކައުންސިލްގެ ރައީސާ އައިޝަތު ލިއުޝާ އެވެ.

އުރީދޫ 4G ނެޓްވޯކްގެ ސްޕީޑު އުރީދޫން ދައްކާލަނީ --- ސަން ފޮޓޯ: އަހްމަދު ޝަރުވާން
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރާނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި އެކު ފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް 4G ނެޓްވޯކްގެ ޚިދުމަތް ތައާރަފް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން މި ތައާރަފް ކުރީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށަކަށް ފުރަތަމަ ފަހަރަށް. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް 4G ނެޓްވޯކްގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް މިހާރު މިވަނީ ފެށިފައި. މިއަހަރު ތެރޭ ރާއްޖޭގެ ބޮޑު ބަޔަކަށް 4G ނެޓްވޯކް ތައާރަފް ކުރާނަން،" އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.
މާފުށީ ކައުންސިލްގެ ރައީސާ ވިދާޅުވީ 4G ނެޓްވޯކްގެ ޚިދުމަތް މާފުއްޓަށް ތައާރަފް ވެގެން ދިއުމަކީ މާފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި 4G ނެޓްވޯކްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
4G ނެޓްވޯކް ތައާރަފް ކުރުމާ އެކު އުރީދޫ ކަސްޓަމަރުންނަށް މަތިވެގެން 100Mbps ގެ ސްޕީޑްގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އެއީ 3G ނެޓްވޯކަށް ވުރެ ހަގުނަ ހަލުވި ސްޕީޑެކެވެ.