07 Aug 2014, 11:51
މި އަހަރުގެ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް އާމްދަނީ ލިބެމުންނުދާކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ، ބަޖެޓް ޑެފިސިޓް ފަސް ބިލިއަނަށްވުރެ ބޮޑު ކަމަށާއި އެހައި ބޮޑު ޑެފިސިޓެއް މެނޭޖް ކުރުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިވާ ކަމަށެވެ.
ހަމަ އެހެންމެ މިއަހަރު ބަޖެޓްގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވާ އާމްދަނީއާއި އެއްވަރަށް ރެވެނިއު ނުލިބޭ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
ބަޖެޓް ކޭޝްފްލޯ ހަމަޖެއްސުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށާއި އެންމެ ބޮޑަށް ކަންބޮޑުވާން ޖެހެނީ މުސާރަތައް ދޭންޖެހޭ ދުވަސްވަރުގައި ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
"މުސާރަ ދޭން ކައިރިވީމަ ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތިއްޖިއްޔާ ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑުމެން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއްދެނީ މުސާރަ ދިނުމަށް،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. މިނިސްޓަރު ޖިހާދު ވަނީ، ރާއްޖޭގައި ސިޔާސީ ހަލަބޮލިކަމެއް އަޔަ ނުދިނުމަށް އެންމެހައި ފަރާތްތަކުގެ އަރިހުން އެދިވަޑައިގެންފައެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކުރެވޭނީ އޭރުން ކަމަށެވެ. މި އަހަރު ނިމޭ އިރު ދިވެހި ދައުލަތުގެ ދަރަނީގެ ނިސްބަތް ބޮލަކަށް 92،196 ރުފިޔާއަށް އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ސަރުކާރުގެ ޖުމުލަ ދަރަނި 31.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އެ އޮތޯރިޓީން އަންދާޒާ ކޮށްފައިވެއެވެ.
މި އަހަރަށް ލަފާކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން މަޖިލީހަށް ހުށަހެޅީ 16.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ބަޖެޓް އަލުން ހުށައެޅި އިރު 17.5 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
އެ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީން ވަނީ 18.2 ބިލިއަން ރުފިޔާއަށް އެ ބަޖެޓް ބޮޑުކޮށްފަ އެވެ. އަދި އޭގެ ފަހުން ސަރުކާރުގެ އެދުމުގެ މަތިން މަޖިލީހުން ވަނީ 17.9 އަށް އެބަޖެޓް ކުޑަކޮށްފަ އެވެ.