07 Aug 2014, 11:33
ލ. ގަމުގެ ތުނޑީ އާބާދީ ސަރަހައްދުގެ ނަރުދަމާ ނިޒާމު ހަލާކުވެ މަގުމައްޗަށް ނަޖިސް ލީކްވަމުންދާ މައްސަލާގައި އެރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފީސް ކައިރިއަށް ބަޔަކު އެއްވެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ތުނޑިން ވާހަަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު 8:00 އެހައިކަންހާއިރުން ފެށިގެން އާބާދީ ސަރަހައްދުގައި އުޅޭ މީހުން ފެނަކަ އޮފީސް ކައިރިއަށް އެއްވެ މުޒާހަރަމުންދާ ކަމަށެވެެ. އަދި އެމީހުން މުޒާހަރާ ކުރަމުންދަނީ ނަރުދަމާގެ މައްސަލަތަކެއް ދިމާވެ، މަގުމައްޗަށް ނަޖިސް ލީކްވެފައިވަނިކޮށް، އެ މައްސަލަ ހައްލުނުކޮށް ފެނަކައިން އެއަވަަށުގެ ކަރަންޓް ތުނޑީއަށް ދާއިމީކޮށް ދިނުމަށްޓަކައި ކޭބަލް އަޅަން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށް އޭނާ ބުންޏެވެ.
"ނަރުދަމާގެ މައްސަލަ ޖެހިގެން މަގު މައްޗަށް ނަޖިސް ލީލްވަމުންދާތާ ފަސް މަސް ދުވަސްވެއްޖެ. ދެެން އެހެން އޮއްވާ ތުނޑީ އަވަށުން ކަރަންޓްގެ މައްސަލަތަކެއް ދިމާވެގެން، އާބާދީ ސަރަހައްދުން މަތިން ކޭބަލްއެއް ގެންގޮސްގެން ކަރަންޓް ދެމުން ގެންދަނީ. މިހާރު އެ ކޭބަލް އަޑިން ވަޅުލައިގެން އެކަން ދާއިމީ ކުރަން އުޅޭތީވެ މުޒާހަރާ ކުރަނީ،" މުޒާހަރާ ކުރާ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
ފެނަކަ އޮފީސް ކައިރީގައި ފުލުހުން ފޯރިމަރަމުން އަންނައިރު އެ ސަރަހައްދަށް ބޯޑުތަކާ އެކު އެއްވެތިބި މީހުން ގެންދަނީ ނަރުދަމާގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ގޮވަމުންނެވެ. އަދި އެ އޮފީސް ދިދަ ދަނޑިއަށް އެ ކޯޕަރޭޝަންގެ އިސް ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާ ބޯޑެއް ވެސް ވަނީ ނަގައިފަ އެވެ.
ލ. އަތޮޅުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ރީޖަނަލް މެނޭޖަރު އަބްދުއްޝުކޫރު އަބްދުއްރަހުމާން މިއަދު ވިދާޅުވީ މުޒާހަރާ ކުރަމުން ގެންދާ މީހުން ފެނަކައާ ވާހަކަދައްކައިގެން އެއްވެސް ކަމެއް ހައްލު ކުރަން ބޭނުން ނުވާ ކަމަށެވެ. މުޒާހަރާ ކުރަމުން ދިޔަ ނަމަވެސް އޮފީސް ބަންދުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޮފީހަށް މީހުން ވަދެ ނިކުމެ ހެދުމަށް މުޒާހަރާގެ ބައިވެރިން ގެންދަނީ ހުރަސް އަޅަމުން. އަޅުގަނޑުމެންނާ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރާކަށް އެމީހުން ބޭނުމެއް ނުވޭ." އޭނާ ވިދާޅުވި އެވެ.
ޝުކޫރު ވިދާޅުވީ ނަރުދަމާ މައްސަަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ފެނަކައާ އެރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ކަންކަން ހަވާލުކުރީ މިދިޔަ އީދު ބަންދު ތެރޭގައި ކަމަށެވެ. އަދި މަގުމަތީގައި ހުންނަ ޖަންކްޝަންތަކަށް ބޭނުންވާ ޕަންޕްތަކަކީ ރާއްޖެއިން ގަންނަން ލިބެން ހުރި އެއްޗަކަށް ނުވަތީ އެތަކެތި ރާއްޖެއިން ބޭރުން ގެނަން ދުވަސް ނަގާނެ ކަަމަށާއި އެތަކެތި ގެނެސް މި މަހުގެ ތެރޭގައި އެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެނަކައިން މަސައްކަތް ކުރަމުން އަންނަނީ ގަމުގައި ސެންޓްރަލް ޕަވާހައުސް ހެދުމަށްފަހު މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުގެތައް އެއްކޮށްލުމަށް ކަމަށާއި މިހާރު ވެސް ކުރަމުން އަންނަނީ އެކަމާ ގުޅޭ މައްސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.