07 Aug 2014, 11:11
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ކައުންސިލުން ހުސްވެފައިވާ ހަތަރު ގޮނޑިއަށް މެމްބަރުން އިންތިހާބުކޮށްފި އެވެ. އެ މަގާމުތަކަށް މެމްބަރުން އިންތިހާބުކޮށްފައި ވަނީ ރޭ ބޭއްވި ޕީޕީއެމް ކައުންސިލް ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުންނެވެ.
ޕީޕީއެމް އިން ބުނީ އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އާންމު މެމްބަރުންގެ ތެރެއިން ގޮނޑިއެއް ހުސްވެފައި ވާތީ އެ މަގާމަށް އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު މޫސާ ޒަމީރު އިންތިހާބުކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްގައި ހިމެނިވަޑައިގަންނަވަން ޖެހޭ ހަތަރު އަންހެން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ޕާޓީން އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު ޔުމްނާ މައުމޫން އިންތިހާބު ކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އޭގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިހާބުވެފައިވާ ކައުންސިލަރަކު ޕާޓީ ކައުންސިލްގައި ހިމެނިވަޑައިގަންވަން ޖެހޭތީ އެ މަގާމަށް މާލޭ ސިޓީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެދުހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލްއަމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި އެ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސްގެ މަގާމު ހުސްވެފައި ވާތީ އެ މަގާމަށް އިބްރާހިމް ޔޫސުފް އައްޔަން ކުރުމަށް ޕާޓީގެ ކައުންސިލް ވަނީ ފާސްކޮށްފަ އެވެ.
ދެ ވަނައަށް އެންމެ ގިނަ މެމްބަރުން ހިމެނޭ ޕީޕީއެމް ކައުންސިލްގައި 35 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.