މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓް ތަންފީޒު ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށް ފިނޭންސް މިނިސްޓަރު އަބުދުއްﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، ބަޖެޓް ތަންފީޒު ކުރުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށާއި އެގޮތުން ބައެއް ކަންކަމުގެ ސަބަބުން ފިނޭންސް މިނިސްޓްރީން ވެސް ކައުންސިލް ތަކަށް އެއްބާރުލުން ނުދެވޭ ފަހަރު އަންނަ ކަމަށެވެ.

"ބަޖެޓް ތަންފީޒު ކުރުމުގައި ބައެއް ކަހަލަ ދަތިތަކެއް އެބަހުރި، އޭގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ މައްސަލަތަކެއް ވެސް އެބަހުރި،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ ކައުންސިލްތަކުން ބޮޑެތި ޝަކުވާތަކެއް އަންނަ ކަމަށާއި އާންމުކޮށް އަންނަ ޝަކުވާ އަކީ ބަޖެޓް ހުސްވުމުގެ ޝަކުވާ ކަމަށެވެ. ނަމަވެސް ކައުންސިލްތަކުން ބޭނުންވާ ފައިސާ އެއްފަހަރާ ދެވެން ނޯންނަ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

ބައެއް ކައުންސިލްތަކުން ކުރީ އަހަރުތަކުގެ ބިލްތަކަށް ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން ބަޖެޓް ތަންފީޒު ކުރުމަށް ދަތިތަކާ ކުރިމަވާ ކަމަށާއި އެންމެ ބޮޑަށް ކައުންސިލްތަކުން އަންނަ ޝަކުވާއަކީ ބިލްތަކަށް ފައިސާ ނުދެއްކުމާއި ކުނިކަހާ މީހުންނަށް ދޭންޖެހޭ ފައިސާ ނުލިބޭތީ އެފަދަ ޝަކުވާތައް ކަަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކުން އާމްދަނީ ހޯދޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ވިދާޅުވީ، ކައުންސިލްތަކުން ހަދަންޖެހޭ ބަޖެޓް ގާނޫނުގައި ބުނާ މަގުސަދު ހާސިލްވާގޮތަށް ހެދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދައިދިނުމަށް އެލްޖީއޭއިން ވަރަށް ބޮޑަށް އެދޭކަމަށް ޝުކުރީ ވިދާޅުވި އެވެ.

ކައުންސިލްތަކަށް ބޭނުންވާ ފައިސާ އެއްފަހަރާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ދަތިތަކަކާއި ކުރިމަތިވާކަން ގަބޫލް ކުރައްވާ ކަމަށާއި ނަމަވެސް ކައުންސިލްތަކުގެ ބަޖެޓް މެނޭޖް ކުރުމުގެ ފުރުސަތު އެ ކައުންސިލްތަކަށް ދިނުމަށް އެލްޖީއޭއިން އެދޭކަމަށް ވެސް ޝުކުރީ ވިދާޅުވި އެވެ.