ދ. ރިނބުދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ދެ ދުވަސް ފަހުން ފަޅުރަށެއްގެ ވިލުތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ރިނބުދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ނިޔާޒު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ އެރަށު ޗާންދަނީވިލާ، އުމުރުން 73 އަހަރުގެ އަހްމަދު މުހައްމަދު ފެނިފައިވަނީ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކަންނެތްފަރު ވިލުތެރެއިން ކަމަށެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އަހްމަދު މުހައްމަދުގެ ހަށިގަނޑު ބާއްވާފައި އޮތީ އެމްއެންޑީއެފުން އެ ސަރަހަދަށް ދެވެން ދެން ކަމަށެވެ.

މިއަދު ހެނދުނު 9:45 ހާއިރު އަހުމަދު މުހައްމަދު ފެނިފައިވަނީ ރިނބުދޫ ބަޔަކަށް ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.

"ބޮޑަށް ބެލެވެނީ މަރުވެގެން އޮޔާ ގޮސްގެން އެހިސާބަށް ދިޔައީ ކަމަށް. މިރަށުގައި ތިބެފައި ފެންނަހާ ކައިރީގައި އެރަށް އޮންނަނީ. ބަނޑިދުއާ އަދި މާ ބޮޑަށް ކައިރިވާނެ އެރަށާ،" ނިޔާޒު ވިދާޅުވި އެވެ.

އަހުމަދު މުހައްމަދު ދިރިހުއްޓައި ފެނިފައިވަނީ އޭނާ މޫދަށް ދިޔަ މަގުމަތީ، މިދިޔަ އަންގާރަ ދުވަހުގެ 11:30 ހާއިރު އެވެ. މަރުވެފައި އޮއްވައި ފެނުނު އަހުމަދު މުހައްމަދަކީ ސިކުނޑީގެ މައްސަލައަކަށް ބޭސްކުރަމުން އަންނަ މީހެއް ކަމަށް ކައުންސިލުން ބުނެ އެވެ. އަދި އޭނާ އަކީ އަބަދުވެސް އަތިރިމަތީގައި އެލުވާފައި ހުންނަ އުނދޯޔެއްގައި އިންނަ މީހެއް ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.